ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ވާދަކުރައްވާނެކަމަށް ނަހުލާ އިއުލާން ކުރައްވައިފި

ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ވާދަކުރައްވާނެކަމަށް ނަހުލާ އިއުލާން ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
16 އޭޕްރިލް 2021 10:48
0

ކުރިއަށް އޮތް ދައުރުގެ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ވިލިމާލެ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބުވި ނަހުލާ އަލީ ވާދަ ކުރައްވާނެކަމަށް ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ވާދަކުރައްވާނެކަަން އިއުލާން ކުރައްވައި ނަހުލާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޕީޕީއެމް އަށް ކާމިޔާބުކުރުމަށްޓަކައި ވޯޓުލާ އާބާދީގެ ދެ ބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ކަމަށްވާ އަންހެނުންނާއި ޒުވާނުންގެ ގިނަ ޢަދަދެއްގެ ވޯޓު ނެގުމަށްޓަކައި ޢިލްމީ، ޤާބިލް، ހިތްވަރުހުރި ކެރޭ އަންހެނަކަށް ޑެޕިއުޓީ މޭޔަރ ކަމުގެ ފުރުޞަތު ލިބިގެން ދިއުމަކީ ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އަދި ޕީޕީއެމް އިން ހިތްވަރުދެއްވާނެ ގޮތް ކަމުގައި ދެކޭކަމަށެވެ.

ނިމިދިޔަ ދައުރުގައި މާލެ ސިޓީ ކައުންސިލުގައި އަންހެނަކާއި ފިރިހެނަކު މާލެ ސިޓީގެ މޭޔަރު ކަމާއި ޑެޕިއުޓީ މޭޔަރުކަން ކުރައްވާފައިވާއިރު އަންހެނުންނާއި ފިރިހެންނުންނަށް ހަމަހަމަ ފުރުޞަތު އަދި ހަޤީޤީ ބާރުވެރިކަން ދެ ޖިންސަށް ހަމަހަމަ އަށް ލިބިދިނުމަކީ މި ދައުރުގައި ޕީޕީއެމް އިންވެސް ތަރްޙީބު ދެއްވާނެ ކަމެއްކަމުގައި ޔަޤީން ކުރައްވާކަމަށް ނަހުލާ ވިދާޅުވިއެވެ.

ގިނަ ފަރާތްތަކެއްގެވެސް އެދިވަޑައިގެންނެވުމުގެ މަތިން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ކަމުގެ މަޤާމަށް ވާދަ ކުރުމަށް އަޅުގަނޑު ނިންމައިފިން. މި ފުރުޞަތުގައި ހޮވިވަޑައިގެންނެވި މާލެސިޓީގެ މޭޔަރަށާއި ހުރިހާ ކައުންސިލަރުންނަށް ވަރަށް ހޫނު މަރްހަބާއެއް ދަންނަވާ ހުރިހާ ކައުންސިލަރުންގެ ތާއީދާއި ވޯޓަށް އެދި ދަންނަވަން.

– ނަހުލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވިލިމާލެ ދާއިރާގެ ރައްޔިތުން، ދަފްތަރުވެސް ހިމެނޭ ގޮތަށް އޭނާއަށް ކުރެއްވި އިތުބާރާއި ބެހެއްޓެވި ގާތްކަށް ޝުކުރުގެ ހިތަކުން ފާހަގަކޮށް މި ދައުރަށް ހޮވިވަޑައިގެންނެވި މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒާއެކު ރައްޔިތުންނާއި އެންމެ ގާތުން ކުލައަކަށް ފިކުރަކަށް ބެލުމެއްނެތި ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރެ މުޅި މާލެ ސިޓީގެ ހެވާ ލާބައަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ވާދަކުރައްވާނެކަމަށް ނަހުލާ އިއުލާން ކުރައްވާފައިވާއިރު، މިމަޤާމަށް ހުޅުމާލެ ދާއިރާއަށް އިންތިޚާބުވި ޕީއެންސީގެ ނާއިބް ރައީސް އަދި ޕީޕީއެމްގެ ގިނަ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ އިބްރާހިމް ޝުޖާއާއި، މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ނާސިރު (އައްލޮ)ވެސް ވާދަކުރައްވާނެކަމަށް ބެލެވެއެވެ. ނަމަވެސް މިދެބޭފުޅުން ރަސްމީކޮށް އަދި މިކަން އިއުލާން ކުރައްވާފައިނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.