މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާގެ މިހާތަނަށް62 އިންސައްތަ އިއުލާން ކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިރޭވެސް ވަގުތީ ނަތީޖާގެ ބޮޑު ބައެއް އިއުލާން ކުރެވިގެންދާނެކަމަށެވެ. އިލެކްޝަނުން ވަނީ މިއަދުގެ ނިޔަލަށް ވަގުތީ ނަތީޖާ އިއުލާން ކޮށް ނިންމުމަށް އަމާޒު ހިފާފައެވެ. ނަމަވެސް މިހާރު ބެލެވޭ ގޮތުން ވަގުތީ ނަތީޖާ އެކީ އިއުލާންކޮށް ނިމޭނީ މާދަމާރޭގެ ނިޔަލަށެވެ.
މިހާތަނަށް ވަގުތީ ނަތީޖާގެ %62
އިޢުލާން ކުރެވިއްޖެ.
މިރޭ 10.00 ން ފެށިގެން އަނެއްކާވެސް ވަގުތީ ނަތީޖާ އިޢުލާން ކުރެވެމުންދާނެ. އިންތިޒާރުކޮށްލައްވާ!
@ElectionsMv @LGA_Maldives@mvpeoplesmajlis @psmnewsmv @ANashath @FuwadThowfeek @ShareefRangondi pic.twitter.com/ToaJabstwG— Ismail Habeeb (@IsmailHabeeb) April 16, 2021
ޤާނޫނުގައި ބުނާގޮތުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިންތިޚާބު ބާއްވާތާ 14 ދުވަހުގެ ތެރޭގައި އިއުލާން ކުރަންޖެހޭނެއެވެ. އިލެކްޝަނުން ބުނެފައިވަނީ ވަގުތީ ނަތީޖާތަކަށްފަހު އިންތިޚާބާއި ގުޅިގެން އާންމު ފަރާތްތަކުންނާއި، ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވަ ހުރިހާ މައްސަލައެއް ބެލުމަށްފަހު ދާއިމީ ނަތީޖާ އިއުލާން ކުރާނެކަމަށެވެ. އިންތިޚާބާ ގުޅިގެން މިހާތަނަށް 89 ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 21 ޝަކުވާއަކީ ސިޔާސީ ޕާޓީތަކުން ހުށަހެޅި ޝަކުވާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 67 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ޙާލަތު ހުރިގޮތުން މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމަށް ނިކުންނާނެ ކަމަށް ލަފާކުރި އަދަދަށްވުރެ އިތުރަށް މީހުން ވޯޓުލާން ނިކުމެފައިވާކަމަށެވެ. އެގޮތުން ކޯވިޑާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އަންދާޒާކޮށްފައިވަނީ ވޯޓުލުމަށް ނުކުންނާނީ ޙައްގުލިބިފައިވާ މީހުންގެ ތެރެއިން 45 އިންސައްތައާއި 50 އިންސައްތައާއި ދެމެދުގެ ޢަދަދެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް ވޯޓުލުމުގެ ހައްޤު ލިބިފައިވާ 273128 މީހުންގެ ތެރެއިން މުޅި ރާއްޖެއިން 67 އިންސައްތަ ވޯޓުލާން ނުކުމެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އޭގެތެރެއިން 22 އިންސައްތައަކީ މާލެއިން ވޯޓުލުމަށް ނިކުތް މީހުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ