ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އަތޮޅު ތެރޭގެ ރަށެއްގައި ފިޔާތޮށި ކުލަލާފައިވާ ރުކެއް އެމްޑީޕީގެ ސަޕޯޓަރުން ކަނޑާލި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
ރީނދޫ ކުލައިގެ ހެދުމާއި ޓީޝާޓުތަކެއް ލައިގެން، ފިޔާތޮށި ކުލަ ލާފައި ހުރި ރުކެއް ކަނޑަން ގިނަ ބަޔަކު އެއްވެފައިވާއިރު، އެ ވީޑީއޯގައި ރުށް ކަނޑަމުން ބައެއް ފަރާތްތަކުން "ﷲއަކްބަރު" ގޮވާ އަޑުވެސް އިވިގެން ދެއެވެ. އެ ވީޑީއޯ މީސްމީޑީއާގައި އާންމުވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެމްޑީޕީއަށާއި އެކަން ކުރުމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް މަލާމާތް ކޮށްފައެވެ.
މިކަމާއި ގުޅިގެން އެމްޑީީޕީން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ މިފަދަ އަމަލުތަކަކީ އެޕާޓީން އެއްގޮތަކަށްވެސް ހިތްވަރުދީ ސަޕޯޓް ކުރާނެ ކަންކަމެއް ނޫންކަމަށެވެ. އަދި އެޕާޓީއަށް ނިސްބަތްވާ އެއްވެސް މެމްބަރަކުވެސް މިފަދަ ނާތަހުޒީބީ އަމަލުތައް ނުހުންގެވުމަށް ވަނީ އެދިފައެވެ.
މިފަދަ އަމަލު ހިންގުމަކީ މި ޕާޓީ އެއްގޮތަަކަށްވެސް ހިތްވަރު ދޭނެ ކަމެއްނޫން. މި ޕާޓީގެ އެއްވެސް މެމްބަރަކު އަދި ޕާޓީއަށް ތާއީދުކުރާ އެއްވެސް ފަރާތަކުން މިފަދަ އަމަލު ނުހިންގުމަށް ދަންނަވަން.
– އެމްޑީޕީން ކޮށްފައިވާ ޓްވީޓުގައި ވެއެވެ.
Mifadha amalu hingumakee mi party eggothakahves hiyvarudheyne kameh noon. Mi Partyge evves memberaku adhi party ah thaaeedhu kuraa evves faraathakun mifadha amalu nuhingumah dhannavan. pic.twitter.com/7pKxu5iWhp
— MDP Secretariat (@MDPSecretariat) April 16, 2021
އަތޮޅުތެރޭގެ ރަށެއްގައި އެމްޑީޕީގެ ސަޕޯޓަރުންތަކެއް ރުކެއް ކަނޑާލާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. ފިޔާތޮށި ކުލަލާފައިހުރި އެ ރުއް އެމްޑީޕީގެ ސަޕޯޓަރުން ނިކުމެ ކަނޑާލާފައިވަނީ ކަރަންޓް ކީހެއް ބޭނުން ކޮށްގެންނެވެ. ރީދޫ ޓީސާޓާއި ރީދޫ ފޮތިތަކެއް ގައިގައި އޮޅައިގެން ތިބި ބަޔަކު ރުއް ކަނޑާލަން ނިކުތުމުން ފިޔާތޮށި ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ވަނީ ރުކުގައި ބައްދައިގަނެ ރުއް ކެނޑުމަށް ހުރަސް އަޅާފައެވެ. ނަމަވެސް އެމީހާ އެ ތަނުން ދުރުކޮށް ހިނދުކޮޅެއްގެ ތެރޭގައި ކަރަންޓް ކީހުން ވަނީ ރުއް ބިމާ ހަމަކޮށްލާފައެވެ.
އެ މަންޒަރު ފެންނަނަ ވީޑިއޯތަކާއެކު ވަރަށް ގިނަ ބަޔަކު ދަނީ އެމްޑީޕީއަށް ފާޑުކިޔަމުންނެވެ. އަދި ސިޔާސީ ފިކުރު މި ދަރަޖައަށް ގެންދިއުން ބަލައިނުގަނެވޭ ކަމަށް ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ