އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލެއް އަދި ނާދޭ: ފައްޔާޒު

އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލެއް އަދި ނާދޭ: ފައްޔާޒު

Author
މުޙައްމަދު ޝަޒައިމް
16 އޭޕްރިލް 2021 09:40
0

އިންޓަނެޓްގެ އަގަށް ފާހަގަކުރެވޭ ހެޔޮ ބަދަލެއް އައިސްފައި ނުވާ ކަމަށް އެ މިނިސްޓްރީ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އަލީ ޞާލިހު ވިދާޅުވީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކާއި އެކު އެކި ގޮތްގޮތަށް ކުރެވޭ ކަންކަމުގެ ތެރެއިން އިންޓަނެޓުގެ އަގަށް ހެޔޮ ބަދަލެއް މިހާރު އައިސްފައިވާ ކަމަށެވެ. މިގޮތުން މިއަހަރުގެ ރަމަޟާން މަސް ފެށުމާ ހަމައަށް 33 ރުފިޔާ އަށް ހުރި ޖީބީއެއްގެ އަގު މިހާރު 5 ރުފިޔާ ބަޔަށް ތިރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން 1000 ރުފިޔާއަށް 30 ޖީބީ ލިބެމުންދިޔަ ބަޔަަކަށް، މިއަދު އެ އަގަށް 180 ޖީބީ ލިބޭކަމަށްވެސް ވިދާޅުވިއެވެ.

އަލީ ޞާލިހުގެ ވާހަކަތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރ ފައްޔާޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބައެއް އިންޓަނެޓް ޕެކޭޖްތަކުގެ އަގު ހެޔޮކޮށްފައިވީ ނަމަވެސް އެއީ އެދެވޭ ބަދަލެއް ނޫން ކަމަށެވެ. އަދި މިހާރު އައިސްފައިވާ ބަދަލަކީ ސަރުކާރުގެ ބައިވެރިވުން އޮވެގެން އައިސްފައިވާ ބަދަލެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު އެ އިޝާރާތް ކުރައްވަނީ ރޯދައާ ގުޅިގެން އިންޓަނެޓް ޕެކޭޖްތައް ކުންފުނިތަކުން އަގުހެޔޮ ކުރާ ކުރުމަށް ކަމަށް ބެލެވެއެވެ.

އިންޓަރނެޓް ޕެކޭޖްތައް އަވަހަށް ހުސްވާކަމުގެ ޝަކުވާއަށް ހައްލުތަކެއް ހޯދުމަށް މިއަހަރު މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވެސް ވަނީ ވިދާޅުވެފައެވެ.

މަބްރޫކް ވިދާޅުވީ، އިންޓަރނެޓް ޕެކޭޖްތައް އަވަހަށް ހުސްވުމާއި، ޕެކޭޖުގައި ފޯރުކޮށްދޭން ބުނާ ސްޕީޑަށްވުރެ އިންޓަރނެޓް ސްޕީޑް ލަސްކަމުގެ ޝަކުވާއަކީ އާއްމުންގެ ފަރާތުން ވަރަށް ގިނައިން ލިބޭ ޝަކުވާއެއްކަމަށެވެ. އެހެންކަމުން އިންޓަރނެޓް ތްރޮޓޮލްވުމުގެ މައްސަލަ ހައްލުކޮށް، ފެންވަރު ރަނގަޅު ޙިދުމަތެއް ފޯރުކޮށްދިނުމަށް މިއަހަރުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ކުރައްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެެވެ. ނަމަވެސް އެ ވައުދު ނުފުއްދި އެތަށް ދުވަހެއް ފާއިތުވެގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.