ރާއްޖެއަށް މެދު ކެޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދޭނަން: ޖައިޝަންކަރު

ރާއްޖެއަށް މެދު ކެޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދޭނަން: ޖައިޝަންކަރު

Author
މުޙައްމަދު ޝަޒައިމް
16 އޭޕްރިލް 2021 05:23
0

ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާއިން ވެދެމުން އަންނަ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދެވާނެކަމުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރާއިއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައިޝަންކަރު ވަނީ ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާއިން ވެދެމުން އަންނަ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދެވާނެކަނުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ، އެއްވެސް މެދުކެނޑުމެއް ނެތި ރާއްޖެއަށް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތާއި، ވެކްސިން ޕްރޮގްރާމްތަކާ ބެހޭ ގޮތުން ދެ ޚާރިޖީ ވަޒީރުން މަޝްވަރާކުރެއްވިއެވެ. އަދި ޕެންޑެމިކްގެ ތެރޭގައި އިންޑިއާއިން ދިވެހި ރައްޔިތުންނަށް ވެދެއްވި އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާރަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގެ ފަހުން މިނިސްޓަރ ޝާހިދު ނިއުދިއްލީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ޑރ ޖައިޝަންކަރާއި މިއަދު ބައްދަލުކުރެއްވީ ހައިދަރްއާބާދު ހައުސްގައެވެ. މިނިސްޓަރ ޝާހިދު ވަނީ އިންޑިއާއިން ކިޔުއްވި ހޫނު މަރުޙަބާއަށާއި ބަހައްޓަވާ މެހުމާންދާރީއަށް ޑރ ޖައިޝަންކަރަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުވުމަށްފަހު މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ބައިނަލްއަޤްވާމީ މުޖްތަމައުގައި ގުޅިގެން މަސައްކަތްކުރުމާއި، ރާއްޖޭގައި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. އެސް ޖައިޝަންކަރް އާއި ބައްދަލު ކުރެއްވީ ނިއުދިއްލީގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.