މިއީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ފަހު ރަމަޟާން މަހަށް ވެދާނެކަމަށާއި، އެހެންކަމުން އަޅުކަންކުރުން އިތުރުކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ. މި
"މިއީ ތިބާގެ އެންމެ ފަހުގެ ރަމަޟާން މަހަށްވެސް ވެދާނެ" މި މަޢުޟޫއަށް މިއަދު ދެއްވި ޚުތުބާގައި ވަނީ ރަމަޟާން މަހަކީ އެތައް ގޮތަކުން ޚާއްޞަ މަހެއްކަމަށާއި، މާތްވެގެންވާ އަދި ބަރަކާތްތެރިވެގެންވާ މަހެއްކަން ފާހަގަކުރައްވާ އެ މަހުގެ މާތްކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޚުތުބާގައި ވަނީ ރޯދަ ވެރިޔާ ރޯދައަށް ހުންނައިރު އެހުންނަނީ މަތިވެރި އަޅުކަމެއްގައިކަމަށާއި، ރޯދަ ވީއްލުމަށް ދާންދެން މަލާއިކަތުންގެ ހެޔޮ ދުޢާ ރޯދަވެރިޔާއަށް ހުންނާނެކަން ފަހަގަކުރައްވާފައެވެ. އަދި ރޯދަވެރިޔާގެ ދުޢާ އަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ ދުޢާއެއްކަމަށާއި، ޚާއްޞަގޮތެއްގައި ރޯދަވީއްލުމަށް ތައްޔާރުވެފައިވާ ވަގުތު ކުރާ ދުޢާ ޤަބޫލުކުރެވިގެންވާކަމަށް ޚުތުބާގައި ވިދާޅުވިއެވެ. ރަމަޟާން މަހަކީ ޤުރްއާނުގެ ބާވާލެއްވި މަސްކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، ރަސޫލާ އާއި އެކަލޭގެފާނުގެ އަޞްޙާބުންނާއި އޭގެ ފަހުން ވަޑައިގެންނެވި މިއުންމަތުގެ ހެޔޮ ބޭފުޅުން ރަމަޟާން މަހުގައި ކީރިތި ޤުރްއާނަށް ޚާއްޞަ ސަމާލުކަމެއް ދެއްވިކަމަށާއި، އެފޮތް ކިޔެވުމަށާއި އުނގެނުމަށާއި އުނގަންނައިދެއްވުމަށް ހުސްވެވަޑައިގެންނެވިކަމަށް ވިދާޅުވިއެވެ. އެއީ އެހެން މަސްމަހަށް ވުރެ، ރަމަޟާންމަހު، ޤުރްއާން ކިޔެވުމުގެ ދަރުމަޔާއި ޘަވާބު ބޮޑުވުމުންކަމަށާއި، ރަސޫލާ އާއި ޖިބްރީލުގެފާނާ ދެބޭކަލުން ކޮންމެ ރަމަޟާން މަހަކު ޤުރްއާން އެއްކޮޅުން އެއްކޮޅުން އަނެއްކޮޅަށް މުރާޖައާ ކުރެއްވިކަމަށްވެސް ޚުތުބާގައި ވިދާޅުވިއެވެ.
ރަސޫލާ ގެ ސުވަރުގެ ވަޑައިގެންނެވި އަހަރު ދެފަހަރު މުރާޖަޢާ ކުރެއްވިއެވެ. ރަމަޟާން މަހަކީ ފާފަ ފުއްސެވުމާއި ދިންނެވުމުގެ މަހެވެ. އިމާންކަންމަތީ ދަރުމަޔާއި ޘަވާބަށް އެދިގެން ރޯދަ ހިފައިފި މީހާގެ ފާފަތައް ފުއްސަވާނެ ކަމުގެ އުފާވެރި ޚަބަރު ނަބިއްޔާ ޞޢވ ވަނީ ދެއްވާފައެވެ. ހަމަ އެޝަރުޠާއެކު ރޭގަނޑުގެ ރޭއަޅުކަން ކުރާމީހާ ވެސް ހަމަ އެފަދައެވެ. އޭނާގެ ފާފަތައް ވެސް ފޮހެވިގެންދާނެއެވެ. ބޮޑެތި ފާފަތައް ފިޔަވައެވެ. ބޮޑުފާފައަކަށް އަރައިގަނެވިފައިވާ މީހާ، އެކަމަށް ތައުބާވާންޖެހޭނެއެވެ. ރަމަޟާން މަހުގެ ދުވާލުގެ ވަގުތު މާތްކުރައްވާފައި ވާއިރު، ރޭގަނޑުގެ ވަގުތުތައް ވެސް ވަނީ މާތްކުރައްވާފައެވެ. އެ މާތްކަމަށް ޓަކައި ރޭއަޅުކަން ކުރުން ޝަރުޢު ކުރެއްވި އެވެ. އަދި ފަހުދިހައިގެ އޮނަހިރި ރެއެއްގައި ބަރަކާތްތެރި ލައިލަތުލް ޤަދްރި ވިލޭރޭ ލެއްވިއެވެ. އެއީ އެއްހާސް މަހަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ.
– ހުކުރު ޚުތުބާ
ރަމަޟާން މަހަކީ މަދު ދުވަސް ކޮޅެއްކަމަށާއި، ދާދި އަވަހަށް ނިމިގެން ހިނގައިދާނެކަން ހަނދާންކޮށްދެއްވަމުން ޚުތުބާގައި ވަނީ ކުރެވުނު ހެޔޮ ކަމަކުން މެނުވީ ފަހުން ފައިދާއެއް ނުކުރާނެކަމަށް ވިދާޅުވެ ނަސޭހަތްތެރިވެވަޑައިގެންފައެވެ. މިދިޔަ އަހަރުގެ ރަމަޟާން މަސް، އަޅުގަނޑުމެންނާ ބައްދަލު ކުރިއިރު ދުނިޔޭގައި ތިބި އެތައް އަޚުންނަކާއި އުޚްތުންނެއް މި ރަމަޟާންމަހާ ބައްދަލުވި އިރު އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައިވާކަމަށާއި، މިއީ އަޅުގަނޑުމެން އެންމެންގެ ލޯމަތީގައި ފެންނަން އޮތް ހަޤީޤަތެއްކަން ހަނދާންކޮށްދެއްވިއެވެ. މި ރަމަޟާން މަހާ ބައްދަލުވުމަކީ، ކުރިއަށް އޮތް ރަމަޟާން މަހާ ބައްދަލުވާނެކަން ޔަޤީންވާ ކަމެއް ނޫންކަމަށާއި، ރަމަޟާން މަސް ފެށިފައިވާއިރު މިމަސް ނިމެންދެން އަޅުގަނޑުމެންގެ ތެރެއިން ދުނިޔޭގައި ތިބޭނީ ކިތައް މީހުން ކަމެއްވެސް ނޭނގެކަމަށްވެސް ވިދާޅުވިއެވެ.
މިއީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ އެންމެފަހު ރަމަޟާން މަސް ކަމަށް ވެސް ވެދާނެއެވެ. ވީމާ މިމަހަށް ޤަދަރު ކުރާށެވެ! އިޙްތިރާމް ކުރާށެވެ! އަޅުކަމުގެ މަހެއްގެ ގޮތުގައި ބަލައިގަންނާށެވެ! ޙަޤީޤަތަކީ މިއީ ކަމުގައި ވިއަސް ބައެއް މީހުންގެ ޙާލާމެދު ހިތާމަކުރަން ޖެހެއެވެ. އެބައިމީހުން ވަނީ އާޚިރަތާ މެދު ޣާފިލުވެފައެވެ. ރަމަޟާން މަހަކީ ކިހާ މަތިވެރި މަހެއްކަން އެބައިމީހުން ނުދަނެއެވެ. ބައެއް މީހުންނަށް ހީވަނީ މިއީ ހަމައެކަނި ތަފާތު ކެއުންތަކާއި ބުއިންތަކުގެ މަހެއް ކަމަށެވެ. ކުޅިވަރާއި މަޖަލުގެ މަހެއް ކަމަށެވެ. ރޭގަނޑު ހޭލާ ހުރެފައި، ދުވާލު ހަތަރުދަމު ނިދަން އޮތް މަހެއް ކަމަށެވެ. އެބައިމީހުންނަށް ވަނީ ރޯދައިގެ މަޤްޞަދު އޮޅިފައެވެ. ނަތީޖާއެއްގެ ގޮތުން ރޯދަމަހު
ޒުވާބު ކުރުމާއި އަރާރުން ވުން ގިނަވެއެވެ. ކާބޯތަކެތި އިސްރާފު ކުރުމާއި ވަގުތު ބޭކާރު ކުރުން އިތުރުވެއެވެ.
– ހުކުރު ޚުތުބާ
މި ރަމަޟާން މަހަކީ ހަޔާތުގެ އެންމެފަހު ރަމަޟާން މަސްކަމަށް ވެސް ވެދާނެކަމަށް ބަލައިގެން ހެޔޮ ޢަމަލުތަކަށް އަވަސްވެގަތުމަށްވެސް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ.
ޙަޤީޤީ މާނައިގައި ﷲ ގެ އަޅަކަށް ވާށެވެ! ނަމާދު ތަކަށް ރައްކާތެރި ވާށެވެ. ދީނުގައި މަނާ ކުރައްވާފައިވާ އެއްވެސް ކަމަކާ ކައިރި ނުވާށެވެ! މި ބަރަކާތްތެރި މަހުގެ ބަރަކާތް ޔޮގޮތުގައި ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ! މި މަހުގެ ހެޔޮކަމުން މަހުރޫމްވެއްޖެ މީހަކީ ވަރަށް ބޮޑު ބަދު ނަސީބު ވެރިއެކެވެ.
– މިއަދުގެ ހުކުރު ޚުތުބާ