މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ މަދު ތެރޭގައިކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ބުނެފިއެވެ.
ކައުންސިލަރުން ހުވާ ކުރުމާއި ގުޅޭގޮތުން އެލްޖީއއިން ބުނެފައިވަނީ އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ރޯދައިގެ ފަހުން ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ކައުންސިލަރުން ހުވާކުރުމުގެ ތަރީހު ވަރަށް އަވަހަށް އިއުލާން ކުރާނެކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ދެ ފަހަރެއްގެ މަތީން ފަސްކުރަންޖެހުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްގައިވަނީ ހޮނިހިރު ދުވަހުއެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ އަންނަ ހުކުރު ދުވަހުގެ ކުރިން އިއުލާން ކުރުމަށް ހަމަޖެހިފައިވާއިރު، ދާއިމީ ނަތީޖާވެސް ވީހާވެސް އަވަހަށް އިއުލާން ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.
ކައުންސިލް އިންތިޚާބު ނުބޭއްވި ލަސްކުރަންޖެހުމުން މިހާރު ކައުންސިލްތަކުގެ ފައުރު ދަންމާލައި، ލާމަރުކަޒީ ޤާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި ޤާނޫނުގައި ބުނާގޮތުން މިހާރު ތިއްބެވި ކައުންސިލަރުން އާ ކައުންސިލަރުން ހުވާކުރުމާއި ހަމައަށް ކައުންސިލްގައި ދެމިތިބޭނެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3814 ކެނޑިޑޭޓުން ވާދަކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2234 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1580 ކެނޑިޑޭޓުންނެވެ. ދެ އިންތިޚާބުގައި 1912 މަޤާމަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފައެވެ.
ކޮމެންޓު ފޮނުވާ