ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޣައްޔޫމް މިރޭ މާލެ ގެނެސްފިއެވެ.
ރައީސް ޔަމީން މާލެ ގެނެސްފައިވަނީ މިރޭ 9:30 ކަން ހާއިރުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު މާލެ ގެނެސްފައިވަނީ ކޯވިޑް-19 ވެކްސިން ދިނުމަށެވެ. އެމަނިކުފާނު މާލެ ގެނެސްފައިވާއިރު ގިނަ އަދަދެއްގެ ފުލުހުންނާއި ކަރެކްޝަންގެ އޮފިސަރުންދަނީ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ. އެމަނިކުފާނު ވެކްސިން ޖެއްސެވުމަށް ގެންދަނީ ކޮން ހޮސްޕިޓަލަކަށް ކަމެއް އެގިފައި ނުވެއެވެ.
ރައީސް ޔާމީން މިރޭ ވެކްސިން ޖެއްސެވުމަށް މާލެ ގެނެސްފައިވާއިރު ރޯދަމަހަށް އެމަނިކުފާނު ގެކޮޅަށް ބަދަލު ކުރުމަށް ރައީސް ޞާލިހުގެ އަރިހުން އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް ވަނީ އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުންގެ ސިޓީއެެއް ލިބިފައިވާކަމަށެވެ. އެ ސިޓީގައި އެމަނިކުފާނުގެ ޞިއްޚި ހާލަތު ހުރިގޮތުން ރަމަޟާންމަހުގެ ގެއަށް ބަދަލުކުރުމަށް އެދިފައިވާކަމަށެވެ. އަދި މިހާރު ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާކުރައްވަމުންދާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ޔާމީން ރަމަޞާން މަހު ގެއަށް ބަދަލު ނުކޮށްފިނަމަ މާލޭގައި މާދަމާ މުޒާހަރާ ކުރަން ފަށާނެކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި ނިމިގެންމިޔަ ވޯޓުން ރައްޔިތުން ބުނެދިން އެންމެ ބޮޑު ހަގީގަތަކީ ރައީސް ޔާމީން އަދިވެސް ދިވެހި ރައްޔިތުންނަށްބޭނުންވާ ކަމަށާއި، އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރުންކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ 5 އަހަރަށް ޖަލަށްލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމިންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އޭސީސީއަށް ނޭގި މި ފައިސާ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަކަށް ބަދަލުކުރައްވާ އެ ފައިސާއިން މަނީ ލޯންޑަރކުރިކަން ވަނީ ސާބިތުވެފައެވެ.
ކޮމެންޓު ފޮނުވާ