ފިތުރު ޒަކާތް ދެއްކުން އޮންލައިންކޮށް ކުރިއަށްގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ބާރުއަޅައިފިއެވެ. އިސްލާމިކް މިނިސްޓްރިން ބުނީ ކޯވިޑް19ގެ ޙާލަތާ ގުޅިގެން މިފަހަރު ޑެސްކްތައް ބަހައްޓައިގެން ޒަކާތް ބަލައިގަތުން ކުރިއަށްގެންދާނީ، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ މީހުންނަށް އެކަނިކަމަށެވެ.
އަތޮޅުތަކުގެ ރަށްތަކުގައި މިއަދުން ފެށިގެން ފިތުރު ޒަކާތް ބަލައިގަތުމުގެ ކަންކަން ވަނީ ފަށާފައެވެ. އަދި އަތޮޅުތަކާ މާލޭ ސަރަޙައްދުގައިވެސް އޮންލައިންކޮށް ޒަކާތް ބަލައިގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އިސްލާމިކް މިނިސްޓްރީއިން ބުނީ މިނިސްޓްރީއަށް ގޮސްގެން ޒަކާތް ދެއްކޭނީ މާދަމާއިން ފެށިގެންކަމަށެވެ. މިފަހަރު ޒަކާތް ބަލައިގަތުމަށް ބަހައްޓާނީ އެންމެ ޑެސްކެއްކަމަށާއި، މިއީ އޮންލައިންކޮށް ޒަކާތް ނުދެއްކޭ މީހުންނަށް ހަމަޖައްސައިދޭ އިންތިޒާމެއްކަމަށް މިނިސްޓްރީން
ބުނެފައިވެއެވެ. މާލޭގައި އިސްލާމިކް މިނިސްޓްރީގައި ބަހައްޓާ ޑެސްކުން ޒަކާތް ބަލައިގަންނާނެ ގަޑިތައް އަދި މިނިސްޓްރީން ޙާމަކޮށްފައެއް ނުވެއެވެ. މިނިސްޓްރީން ވިދާޅުވީ މިފަހަރު އޮންލައިންކޮށް ޒަކާތް ދެއްކުމަށް ބާރުއަޅާފައިވަނީ، ކޯވިޑް19ގެ ހާލާތާ ގުޅިގެން މީހުން އެއްތަނަކަށް ޖަމާވާ މިންވަރު ވީހާވެސް ކުޑަކުރުމަށްކަމަށެވެ.
ދިރާގާ އުރީދޫ އަދި މޯލްޑިވްސް އިސްލާމިކް ބޭންކާ، ބޭންކް އޮފް މޯލްޑިވްސް މެދުވެރުކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އުރީދޫއާއި ދިރާގުން އެސްއެމްއެސް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ. މީގެއިތުރަށް ފަހިޕޭ އެޕްލިކޭޝަންއާއި ޕޯޓަލް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ. މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ނެރުމަށް ކަނޑައަޅާފައިވަނީ އެރަށެއްގައި ކެއުމަށް އާއްމުކޮށް ކައިއުޅުނު ބާވަތެއްގެ 2.4 ކިލޯގެ އަގެވެ.
މާލޭ ސަރަޙައްދުގައި ޒަކާތް ބަލައިގަންނާނެ އެންމެ ފަހުގެ ތާރީޚަކީ މޭ މަހުގެ 14 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ