މާލޭގެ 6 ދާއިރާއެއްގެ ވޯޓު ފޮށި އަލުން ގުނުމަށް އެމްޑީޕީން އިލެކްޝަނަށް

މާލޭގެ 6 ދާއިރާއެއްގެ ވޯޓު ފޮށި އަލުން ގުނުމަށް އެމްޑީޕީން އިލެކްޝަނަށް

Author
މުޙައްމަދު ޝަޒައިމް
14 އޭޕްރިލް 2021 02:52
0

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސިޓީގެ 6 ދާއިރާއެއްގެ ވޯޓު ފޮށީގެ މައްސަލަތަކެއް އެމްޑީޕީން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އިންތިޚާބާއި ގުޅިގެން ފާހަގަވި ގިނަ ޝަކުވާތަކެއް އެޕާޓީއަސް ލިބިފައިވާކަމަށެވެ. އޭގެ ތެރޭގައި މާލޭގެ ބައެއް ދާއިރާތަކާއި އަތޮޅު ތެރޭގެ ބައެއް ދާއިރާތަކުގައި ވޯޓުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުން ހުރި ޝަކުވާތަކެއް ލިބިފައިވާކަމަށެވެ.

އަދި މިހާތަނަށް އެޕާޓީން ވާނީ އިލެކްޝަން ކޮމިޝަނަށް މާލޭގެ 6 ދާއިރާއެއްގެ ޝަކުވާ ކޮމިޝަނަށް ހުށަހަޅާފައިކަމަށެވެ. މިމައްސަލަތައް ވީހާވެސް އަވަހަށް ބަލައި އެމްޑީޕީން ހުށަހެޅި ކަންކަމަށް ރިޢާޔަތްކޮށް ދެއްވުމަށް އެދިފައިވާނެކަމަށް ހަސަން ވިދާޅުވިއެވެ.

އެމްޑީޕީން ޝަކުވާ ހުށަހެޅި 6 ދާއިރާ:

– މެދެ ހެންވޭރު ދާއިރާ

– ހެންވޭރު ދެކުނު ދާއިރާ

– ހެންވޭރު ހުޅަނގު ދާއިރާ

– މައްޗަ ގޯޅި އުތުރު ދާއިރާ

– މާފަން އުތުރު ދާއިރާ

– މާފަންނު ހުޅަނގު ދާއިރާ

ހަސަން ވަނީ މިދާއިރާތަކުގެ ބައެއް ފޮށިތަކުގައި ހުރި ކަންބޮޑުވުން ހިއްސާ ކުރައްވާފައެވެ. އޭނާވިދާޅުވީ މިދާރާތަކަށް ކުރިމަތި ލެއްވި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް މިއެންމެ މަތީގައި އޮތް ކެނޑިޑޭޓާއި ދެވަނައަށް އޮތް އެމްޑީޕީގެ ކެނޑިޑޭޓާއި އޮތް ފަރަގަށްވުރެ ބާތިލް ވޯޓު އެތައް ގުނައެއް އިތުރު ކަމަށެވެ. މިސާލަކަށް 40 ވޯޓޫގެ ފަރަގު އޮތްނަމަ 70 ވޯޓު ވަރު ބާތިލްގެ ގޮތުގައި ކަނޑައެޅިފައިވާކަމަށެވެ. އޭނާވިދާޅުވީ މިކަންކަން ރަނގަޅަށް ބަލައި އަލުން މިފޮށިތައް ހުޅުވައިގެން ވޯޓު ގުނުމަށް އެދިފައިވާނެކަމަށެވެ.

ނިމިދިޔަ އިންތިޚާބުގައި އެމްޑީޕީއަށް ވަނީ މާލެ ސިޓީން ބޮޑު ބައްޔަކުން ބަލިވެފައެވެ. އިންތިޚާބުގައި މާލޭގެ މޭޔަރުގެ މަޤާމާއި އިތުރު 14 ދާއިރާއެއް ވަނީ އެމްޑީޕީއަށް ނާކާމިޔާބު ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.