ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްީޑީޕީގެ ގިނަ މެމްބަރުން ވޯޓުލާން ނުނިކުތީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދިގެންކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އެއްބަސްވެ ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ނިމިދިޔަ އިންތިޚާބުގައި އެމްޑީީޕީ މާލެ ސިޓީން ބޮޑުކޮށް ބަލިވެފައިވާކަމަށެވެ. ބަލިވެފައިވަނީ އެމްޑީޕީން މާލޭގެ ރައްޔިތުންނަށާއި، ދިވެހި ރައްޔިތުންނަށް ވެފައިވާ ވައުދުތައް އެންމެ ރަނގަޅަށް ނުފުއްދިގެންކަމަށް އާޒިމް ވިދާޅުވެއެވެ. އޭނާ ވިދާޅުވީ އެމްޑީޕީން ހުއްޓުމެއްނެތި ދައްކަމުންދިޔަ ވާހަޔަކީ ކޮރަޕްޝަން ނައްތާލުމާއި، ވައްކާއި ދެކޮޅަށް މަސައްކަތް ކުރާނެ ކަމުގެ ވާހަކަ ކަމަށެވެ. ނަމަވެސް ވައްކަންވެސް ނުހުއްޓުވި މައްސަލަތައްވެސް އެންމެ އެކަށީގެންވާ ގޮތަށް ބެލިފައި ނުވާކަމަށެވެ.
އެމްޑީޕީގެ އަޅުގަނޑުމެންގެ މެމްބަރުން އެލާން އެނުނިކުތީ ބައިވަރު ބައިވަރު ގިނަ ސަބަބުތަކެއް ހުރީތީ. އަޅުގަނޑުމެން މީގެ ކުރިން ދައްކަމުން ދިޔަ ވާހަކަޔަކީ ވައްކަން ކުރާ މީހުން ހައްޔަރު ކުރާނަމޭ. ވައްކަން ހުއްޓުވާނަމޭ. ކަރަޮޕްޝަން ހުއްޓުވާނަމޭ. ކަރޮޕްޝަން ނައްތާލާނަމޭ. ކުރިން ވައްކަން ކޮށްފައިވާ މީހުންނަށް އަދަބު ދޭނަމޭ. އެހެންވީމާ އިހަށް ދުވަހު އެބޭއްވުނު އިންތިޚާބުގައި ރައްޔިތުން އެބުނީ ޔާމީނު ދޫކޮށްލާށެކޭނޫން. ދޫކޮށްލާވާހަކަ ދައްކާތީ އެކަމާއި ކަންބޮޑުވެގެން ދިވެހި ރައްޔިތުން ވޯޓުލާން ނުނިކުތީ.
– އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިއިންތިޚާބުން ސާފުވެގެން ދިޔައީ މާލެ ސިޓީގެ ރައްޔިތުން ބޭނުންވާ ބޯހިޔާވަހިކަމާއި، އެނޫންވެސް ކަންކަން ހަމަ ނުޖެހޭނަމަ ވޯޓު ހޯދަން ދިޔަކަމުގައި ވީނަމަވެސް ވޯޓު ނުލިބޭނެކަން ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބު ތަކުގައި ކާމިޔާބު ހޯދަން ބޭނުންވާނަމަ މާލޭގެ ރައްޔިތުންގެ މުހުތާދުތައް ފިލުވައި ދޭންޖެހޭކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މުޅި އިންތިޚާބަށް ބަލާއިރު އެމްޑީޕީއަށް މުޅި އިންތިޚާބު ގެއްލިގެން ދިޔަކަމަށް ނުބުނެވޭނެކަމަށެވެ. އަދި ލިބުނު ކާމިޔާބީއާއިމެދު އެންމެ ހިންހަމަ ނުޖެހުނަސް ރަނގަޅު ކާމިޔާބީއެއް ލިބިފައިވާކަމަށެވެ.
އާޒިމް ވަނީ މިއިންތިޚާބުގެ ނަތީޖާއިން ރައްޔިތުން ދީފައިވާ މެސެޖްތައް ބަލައި ގަންނަން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން ބުނަމުންދިޔައީ ރައީސް ޔާމީން މިނިވަން ކުރުމަށް ނޫންކަމަށާއި، ރައްޔިތުން ކަންބޮޑުވަނީ ރައީސް ޔާމީން މިނިވަން ވެދާނެތީކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ