އިއްޔެ އިލެކްޝަންސް ކޮމިޝަނުގައި ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅު ކުރުމަށް އެތަނަށް އެއްވެ ތިބި ރައްޔިތުންގެ މެދުގައި އޮތް ހަމަޖެހުން ނަގާލާފައި ވަނީ އެމްޑީޕީއާއި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ރައްޔިތުންގެ ވޯޓުން ނިމިދިޔަ އިންތިޚާބު އެކޯލިޝަނާއި ރައީސް ޔާމީންގެ ފިކުރަށް ކާމިޔާބު ކޮށްދީފައިވާއިރު، އެނަތީޖާ ޤަބޫލު ނުކޮށް އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ނަމަވެސް އިންތިޚާބުގެ ނަތީޖާ އެމްޑީޕީ ކޮޅަށް އަނބުރާލާނެ ކަމަށް ދޭހަވާ ގޮތަށް އެމްޑީޕީ ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ވާހަކަ ދައްކަވާ ޕްރެސް ދެއްވާފައިކަމަށެވެ.
އިންތިޚާބުގެ ނަތީޖާ އަށް ވަކި ބައެއްގެ ނުފޫޒު ފޯރުވާ ކަން ދޭހަވާ ފަދަ އެތައް ކަމެއް މިހާރު ދަނީ ފެންނަމުން. އެގޮތުން ބައެއް ފޮށި ތަކުން އިއުލާނުކޮށްފައިވާ ނަތީޖާ ނޫން ނަތީޖާ އެކޮމިޝަންގެ ސައިޓަށް އެންޓަރ ކުރުމާއި ޕީ.ޕީ.އެމް.ގެ ކެންޑިޑޭޓުންނަށް ދިވެހި ރައްޔިތުން ދީފައިވާ ވޯޓު މަދުން އެންޓަރކޮށްފައިވާ ކަން ވަނީ ފާހަގަ ކުރެވިފަ.
– ބަޔާނުގައިވެއެވެ.
އިއްޔެ އިލެކްޝަންސް ކޮމިޝަނަށް ދިވެހި ރައްޔިތުން ގޮސް ކަންބޮޑުވުން ފާޅުކޮށްފައިވަނީ، އިންތިޚާބުގެ ނަތީޖާ އެމްޑީޕީ ކޮޅަށް އަނބުރާލުމަށްޓަކައި ބައެއް ފޮށި ތައް ކަނޑާނެ ކަމަށް އެމްޑީޕީގެ ރައީސްވެސް ވިދާޅުވެފައިވަނިކޮށް އެކަން އެގޮތަށް ކުރިއަށް ގެންދަން އުޅޭ ފަދަ ގޮތަކަށް އަޑުތައް ފެތުރިގެން ދިއުމުން ކަމަށް އިދިކޮޅުން ބުނެއެވެ. އަދި ތަނުގައި އޮތް ހަމަޖެހުން ގެއްލި ތަން ހޫނުވީ އެވަގުތު އެމްޑީޕީގެ ރައީސް އާއި އިސްވެރިން އެތަނަށް ވަޑައިގަތުމުގެ އިތުރުން، އެތަނަށް އެއްވެ ތިބި ރައްޔިތުންނަށް ގޮން ޖައްސަވާ ބަސް ވިދާޅުވުމުގެ އިތުރުން އެތަނަށް އެއްވެ ތިބި ރައްޔިތުންނަށް ހަޑިހުތުރު ގޮތްގޮތަށް އަތުން ޢިޝާރާތް ކުރެއްވުމުން ކަމަށެވެ.
އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެތަނަށް ވަޑައިގެން ތަން ހޫނު ކުރުމުން ރޯދައަށް ތިބި ދިވެހި ރައްޔިތުންގެ ލޮލަށާއި މޫނަށް ޕެޕަރ ސްޕްރޭ ޖަހާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން އިދިކޮޅުން ވަނީ ކުށްވެރި ކޮށްފައެވެ. ހަމައެއާއެކު، ތަނުގައި ކަން ހިނގައި ދިޔަ ގޮތުގެ ހަޤީޤަތް އޮޅުވާލައްވާ ޕީ.ޕީ.އެމް ޕީއެންސީ ބަދުނާމުކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ބޭއްވެވި ޕްރެސްގައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަކީވެސް ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށް މިބަޔާނުގައިވެއެވެ.
ކޮމެންޓު ފޮނުވާ