ދެފުށް ފެންނަގޮތަކަށް ނަތީޖާ އިއުލާން ކުރުމުގެ ފުރުސަތު އީސީއަށް ދިނުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބު 2021 ގެ އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް އިލްކެޝަންސް ކޮމިޝަންގައި ހިނގަމުން ދަނިކޮށް އެތަނަށް ޕީޕީއެމްގެ އިސްވެރިންނާއި ޕީއެންސީގެ ރައީސް ގޮސް އިލްކެޝަންސް ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތް ކުރިޔަ ނުދީ އެމަސައްކަތަށް ވަނީ މިއަދު ހުރަސް އަޅާފައިވާކަމަށެވެ.
އެތަނުގައި ހަމަނުޖެހުން ހިންގައި ގަޔަށް އަތްލައި މާރާމާރީ ހިންގާފައިވާކަމަށެވެ. އަދި މިއީ އެއީ އެމްޑީޕީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި، އެފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. ވޯޓުގެ ނަތީޖާ އިއުލާނު ކުރުމުގެ މަސައްކަތް ދެފުށް ފެންނަގޮތަށް އިލެކްޝަންސް ކޮމިޝަނުން ކުރުމުގެ ޖާގަ ދިނުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
މިއަދު އިލެކްޝަން ކައިރީގައި ހަމަނުޖެހުން ބޮޑު ވެފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެސަރަހައްދަށް ދިޔަ ހިސާބުންނެވެ. ނަޝީދު އެސަރަހައްދަށް ދިއުމުން އާމުން ރިޅިގަދަވެ، ނަޝީދު ނެރުމަށް ވަނީ ގޮވާލާފައެެވެ. އިލެކްޝަނުން ވަނީ މިއަދުގެ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް ވޯޓު ފޮއްޓެއް ނުގުނުމަށް ނިންމާފައެވެ.
ކޮމެންޓު ފޮނުވާ