ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމަކަށް ސައުދީ ސަރުކާރުން މާލޭގައި އިމާރާތްކޮށްދީފައިވާ ކިންގް ސަލްމާން މިސްކިތް މިއަދު ފެށުނު ރަމަޟާން މަހުގައި ބޭނުން ނުކުރެވޭނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަހުމަދު ޒާހިރު ވިދާޅުވީ މިސްކިތުގެ ބޮޑުބައި ނިމިފައި ވީނަމަވެސް މިސްކިތް ރޯދަމަހު ބޭނުން ނުކުރެވޭނެކަމަށެވެ. އަދި މިހާތަނަށް މިސްކިތް ނުހުޅުވި ވަނީ އެ ތަން ހުޅުވުުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ސައޫދީ އަރަބިއްޔާގެ އޮފިޝަލުންނަށް ވަޑައިގެންނެވޭ ފަދަ ހާލަތަކަށް ނުދާތީ ކަމަށެވެ.
ކިންގް ސަލްމާން މިސްކިތް ހުޅުވަން އެކި ފަހަރު މަތިން ތާރީހުތައް ދިވެހި ސަރުކާރުން ކަނޑައެޅިއެވެ. ރޭ އިސްލާމިކް މިނިސްޓްރީން ނެރެނު ބަޔާނުގައި ބުނެފައިވަނީ ސައުދީގެ އޮފިޝަލުންނަށް ވަޑައިނުގެންނެވުނީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ރައްކާތެރިކަން ނެތިގެން ކަމަށެވެ.
ސައުދީ އަރަބިއްޔާއިން ވަޑައިގަންނަވާ ބޭފުޅުންނަށް ވަޑައިގެންނެވޭ ފަދަ ހާލަތަކަށް ނުދާތީ ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްްވާ ވާހަކަ ހިތާމައާ އެކު ފާހަގަކުރަމެވެ.
– އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، މި މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ސަރަޙައްދުތަކުގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން މިސްކިތުގެ އެންމެ ތިރި ވުޞޫއުކުރުމަށް ޚާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ނަމާދުކުރުމަށެވެ. މި ދެ ފަންގިފިލާގައި ގާތްގަނޑަކަށް 4000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ