ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވި މާހައުލަކީ ވަރަށް ރަނގަޅު މާހައުލެއްގައި ކަމަށާއި، އެމަނިކުފާނަށް ދެރަގޮތެއް ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުންގެ ސިޓީއެެއް ލިބިފައިވާކަމަށެވެ. އެ ސިޓީގައި އެމަނިކުފާނުގެ ޞިއްޚި ހާލަތު ހުރިގޮތުން ރަމަޟާންމަހުގެ ގެއަށް ބަދަލުކުރުމަށް އެދިފައިވާކަމަށެވެ. އަދި މިހާރު ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާކުރައްވަމުންދާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
މެޑަމް ފާތުންގެ ސިޓީއެއް ލިބިފައި އެބައޮތް އަޅުގަނޑަށް. އަދި ހަތަރު ވަރަކަށް ދުވަސްކުރިން އަޅުގަނޑަށް ޕީޕީއެމް ލިޑަޝިޕްގެ ބައެއް ބޭފުޅުންނާ ވާހަކަ ދެއްކިން. އެ ބޭފުޅުންގެ ކަންބޮޑުވުމަކީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުން. ކަމާ ބެހޭ ފަރާތްތަކާ އަޅުގަނޑު ވާހަކަ ދައްކަމުން މިދަނީ. އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަކަށް ދެރަ ގޮތެއް ނުވާނެ.
– ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ރަމަޞާން މަހު ގެއަށް ބަދަލު ނުކޮށްފިނަމަ މާލޭގައި މާދަމާ މުޒާހަރާ ކުރަން ފަށާނެކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި ނިމިގެންމިޔަ ވޯޓުން ރައްޔިތުން ބުނެދިން އެންމެ ބޮޑު ހަގީގަތަކީ ރައީސް ޔާމީން އަދިވެސް ދިވެހި ރައްޔިތުންނަށްބޭނުންވާ ކަމަށާއި، އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރުންކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ 5 އަހަރަށް ޖަލަށްލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމިންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އޭސީސީއަށް ނޭގި މި ފައިސާ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަކަށް ބަދަލުކުރައްވާ އެ ފައިސާއިން މަނީ ލޯންޑަރކުރިކަން ވަނީ ސާބިތުވެފައެވެ.
ކޮމެންޓު ފޮނުވާ