ވެރިކަމުގައި އޮވެ މާލެ ސިޓީއިން ލިބުނު ނާކާމިޔާބީގެ ޒިންމާ ސަރުކާރުގައި ތިއްބެވި ބޭފުޅުން ނަގަން ޖެހޭނެކަމަށާއި، އެޒިންމާ ނަގައި ކަންކަން ރަނގަޅު ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ޞާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް ފާއިތުވީ 10 އަހަރުވެސް މާލެ ސިޓީއިން ބޮޑު އައުލަބިއްޔަތެއް ހޯދަމުން ދިޔަ ނަމަވެސް މިއިންތިޚާބުގައި ވަނީ ބޮޑު ބައްޔަކުން މާލެ ސިޓީން ބަލިވެފައެވެ. މިބައްޔާއި ގުޅިގެން ރައީސް ޞާލިހު ވިދާޅުވީ ޕާޓީން ވެރިކަމުގައި އޮވެ، އިންތިޚާބުގައި ބަލިވުމުން ސަރުކާރުން އެކަމުގެ ޒިންމާ ނަގަންޖެހޭކަމަށެވެ. ނަމަވެސް ރައީސް ޞާލިހު ޚުދު އެމަނިކުފާނު މިކަމުގެ ޒިންމާ ނަންގަނާވެނެކަމެއް ވިދާޅުވެފައިނުވެއެވެ.
އެމަނިކުފާނު ވިދާޅުވީ އިންތިޚާބުން މާލެ ސިޓީން ވެފައިވާ ބައްޔަކީ ވަކިބައެއްގެ ބޮލުގައި ޒިންމާ އެޅުވުމަށްވުރެ ހުރި މައްސަލަތައް ހައްލުކޮށް މާލެ ސިޓީގެ ރައްޔިތުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި ކޮންމެ ޕާޓީއެއްގެ މެޖޯރިޓީ މާލެ ސިޓީގައި އޮތް ނަމަވެސް ދެއްވަންޖެހޭ އެއްބާރުލުން ދެއްވައި ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ސަރުކާރެއްގައި ތިއްބާ އިންތިހާބެއްގައި ނުކުންނަ ނަތީޖާ އަކީ، އެއީ ކާމިޔާބު ވިޔަސް ނާކާމިޔާބު ވިޔަސް އެއީ ސަރުކާރާ ގުޅުން އޮތް އެއްޗެއް. މާލޭ ސިޓީން ލިބުނު ނާކާމިޔާބު ވެސް އެކަން އެއީ ސަރުކާރާ ގުޅުން އޮތް ކަމެއް.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލޭ ސިޓީގައި ހުރި މައްސަލަތައް ދެނެގަނެވިފައިވާކަމަށެވެ. އެންމެ ބޮޑު ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، އެކަމަށް އަމާޒެއް އޮތް ކަން ކެމްޕޭންގެ ވައުދުތަކުން އެނގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ ތަރައްޤީއަށް ކޮށްދެއްވަންޖެހޭ ކޮންމެ ކަމެއް ކޮށްދެއްވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ