ނާކާމިޔާބުވި ދާއިރާތަކުގައި އިތުރަށް މަސައްކަތް ކުރާނަން: ޗެއަރޕާސަން

ނާކާމިޔާބުވި ދާއިރާތަކުގައި އިތުރަށް މަސައްކަތް ކުރާނަން: ޗެއަރޕާސަން

Author
މުޙައްމަދު ޖިމީ
12 އޭޕްރިލް 2021 12:49
0

ނިމިގެން ދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބުވި ދައިރާތަކުގައި އިތުރަށް ކުރަންޖެހޭ މަސައްކަތް ދެނެގަނެ އެ މަސައްކަތް ކުރައްވާނެކަމށް އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މާލެ ސިޓީ ބޮޑު ތަފާތަކުން އިދިކޮޅު ޕީޕީއެމްއިން ވަނީ ކާމިޔާބު ކޮށްފައެެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން މާލެ ސިޓީގައި ޕީޕީއެމްއިން ވާދަކުރި ހުރިހާ ދާއިރާއެއް ވަނީ ކާމިޔާބުކޮށް މާލެސިޓީގެ މޭޔަރުކަންވެސް ކާމިޔާބު ކޮށްފައެވެ. މާލެ ސިޓީއަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ތެރެއިން ބޭއްވުނު ކޮންމެ އިންތިޚާބެއްވެސް ބޮޑު ތަފާތަކުން އެމްޑީޕީން ކާމިޔާބު ކުރާ ސިޓީއެކެވެ. އަދި އަތޮޅުތަކުންނާއި ރަށްތަކުންވެސް ގިނަ ޢަދަދަކަށް ޕީޕީއެމް އިން ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ.

އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީއާއި ގުޅިގެން އެޕާޓިގެ ޗެއަރޕާސަން ޙަސަން ލަޠީފް ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕިއަށް ގޮނޑި ކާމިޔާބުވި ދާއިރާތަކަށް މަރުހަބާ ދަންނަވާފައެވެ. އަދި އެޕާޓީއަށް އިންތިޚާބު ކާމިޔާބުނިވި ދާއިރާތަކުގައި ކުރަންޖެހޭ މަސައްކަތް ދެނެގަނެ އެ މަސައްކަތްކުރައްވާނެކަމަށް ޙަސަން ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ކާމިޔާބުކުރި ދާއިރާތަކަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. އެމްޑީޕީއަށް ކާމިޔާބުނުވި ދާއިރާތަކުގައި އިތުރަށް ކުރަންޖެހޭ މަސައްކަތް ޕާޓީން ދެނެގަނެ އެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރާނަން.

– ޙަސަން ލަޠީފް

އެމްޑީޕީއަށް މާލެއިން ލިބުނު ނާކާމިޔާބާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެމްޑީޕީއަށާއި، ރައީސް ނަޝީދަށް ވަނީ އަމާޒު ވެފައެވެ. ރައީސް ނަޝީދު ވަނީ އިންތިޚާބު އޮތް ދުވަހުވެސް މާލޭގެ ވޯޓު ފޮށިތަކުގެ ކައިރިއަށް ވަޑައިގެން ވަރަށް ގަދަޔަށް އެމްޑީޕީއަށް ކެމްޕެއިންވެސް ކުރައްވާފައެވެ. އަދި އިންތިޚާބުގައި ވޯޓު ލެއްވުމަށްފަހު ވިދާޅުވެފައިވަނީ މާލެ ސިޓީއާއި ރާއްޖޭގެ ބޮޑު އައުލަބިއްޔަތެއް އެމްޑީޕީން ކާމިޔާބު ކުރާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.