މާލެ ސިޓީ ކައުންސިލަށް ވަންނަ ފުރަތަމަ ދުވަހު ހުޅުމާލޭ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ސިޓީ ކައުންސިލުގެ ޖަލްސާއަށް ހުށަހަޅުއްވާނެކަމަށް ހުޅުމާލޭގެ ފުރަތަމަ ކައުންސިލަރު ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނަށް ކައުންސިލް އިންތިޚާބުގައި ލިބުނު ކާމިޔާބީއާއި ކުރިއަށް އޮތް ރޯދަމަހުގެ ކުރިން އެޕާޓީގެ އާންމެ މެމްބަރުންނަށް ބޭއްވި މާހެފުމުގެ ޚާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ ރައްޔިތުން 11 އަހަރު ދުވަހުގެ ދިގު އިންތިޒާރަށްފަހު ޕީޕީއެމްއަށް މާލެ ސިޓީގެ ބޮޑު އައުލަބިއްޔަތެއް ދިނީ ވަރަށް ގިނަ އުންމީދު ތަކާއި އެކުގައިކަމަށެވެ.
ރައްޔިތުން ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމްއަށްދިނީ ރައީސް ޔާމީން މާލެ ސިޓީއަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގެނެސްދެއްވި ތަރައްޤީ އަލުން އިޔާދަ ކުރުމަށްކަމަށެވެ. އެކަންކަން ކުރެވޭނެ ޤާބިލްކަމާއި ވިސްނުމާއި، ފިކުރު ހުރި އެމަސައްކަތް ކުރެވޭ ބަޔަކާއި ޒިންމާ ހަވާލު ކުރުކަމަށް ކަމަށެވެ.
ޝުޖާ ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ މެމްބަރުންނަކީ ރައްޔިތުންނަށް ޖެއްސުން ކުރުމަށް އިންތިޚާބު ކޮށްފައިވާ ބައެއް ނޫންކަމަށެވެ. މި ސިޓީ ކައުންސިލަކުން މާލޭގެ މަގުތަކުގައި ކުނާ އަޅައިގެން ޖަލްސާތައް ބާއްވައި، މާލޭގެ މައިޒާންތަކާއި، ޕާކުތަކާއި، މިސްކިތްތައް ވީރާވެގެންދާން ޖާގަ ނުދޭނެކަމަށެވެ. ސިޓީ ކައުންސިލްގެ އެންމެ ބޮޑު ޒިންމާއަކީ އެކަންކަން ރައްޔިތުން ބޭނުންވާފަދަ ގޮތަކަށް ބަލަހައްޓައި މަސްއޫލިއްޔަތު އަދާކުރުންކަމަށެވެ.
ކައުންސިލަށް ވަންނަ ފުރަތަމަ ދުވަހު ހުޅުމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ފުރަތަމަ ދުވަހުން ފެށިގެން އެޖެންޑާކޮށް އެކަން ހައްލު ކޮށްދޭން ހުށަހަޅާނަން. އަޅުގަނޑުމެން މިއަންނަނީ މާލޭގެ ބޮޑު ތަކުރުފާނު މަގުގައި ކުނާ އަޅައިގެން ސިޓީ ކައުންސިލް ބައްދަލުވުން ބާއްވާކަށްނޫން. އަޅުގަނޑުމެންނަކީ ދުއްޕާންކުރާނެ ބައެއްނޫން. ޚިދުމަތް ކޮށްދޭން މިއައީ.
– ޝުޖާ ވިދާޅުވިއެވެ.
ޝުޖާވަނީ 11 އަހަރަށްފަހު މާލެ ސިޓީގެ ރައްޔިތުން ދެއްވި ޔަގީންކަމާއި އިތުބާރަކީ ރައީސް ޔާމީނަށް ދެއްވި އިތުބާރަކާއި ޔަގީން ކަމެއްކަމަށެވެ. ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ ޔަގީންކަމާއި އަދި ކުރަމުންދާ އުންމީދުތައް ހާސިލް ކޮށް ދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރަމުންދާނެކަމަށް ޝުޖާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ