އިއްޔެ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތެރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ހުޅުމާލޭ ރައްޔިތުން ދެއްވި ވޯޓުގެ މަތީން ދުވަހަކުވެސް ހަނދާން ނުނެތޭނެކަމަށާއި، ދެއްވި ވޯޓު އަމާނާތްތެރިކަމާއިއެކު ނަތީޖާއިން ދައްކުވައި ދޭނެކަމުގައި ހުޅުމާލޭގެ ފުރަތަމަ އިންތިޚާބީ ކައުންސެލާ އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ ފުރަތަމަ ކައުންސިލަރަކަށް، ޝުޖާ އިންތިޚާބު ވުމާއި ގުޅިގެން އެދާއިރާގެ ރައްޔިތުން އިންތިޒާމުކޮށްގެން ބޭއްވި ސައިލަކު ބުރަށްފަހު ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ ރައްޔިތުން ދެއްވި ވޯޓަކީ ހުރި މައްސަލަތައް ހައްލުކޮށްދެއްވުމަށް ދެއްވި ވޯޓެއްކަމަށެވެ. އޭނާއަށް ދެއްވި ވޯޓަކީ އެވޯޓުގެ މަތީން ހަނދާން ނައްތާލައި ރައްޔިތުން ބޭނުންވި ކަންކަން ތަންފީޒު ކުރުމަށް ފަހަތް ޖެހޭނެ މީހެއް ނޫންކަމަށް ޝުޖާ ވިދާޅުވިއެވެ.
ހުޅުމާލޭގައި އިންތިޚާބުގެ ތެރޭގައި ރައްޔިތުންގެ ގާތަށް ދިއުމުން ލިބިފައިވާ ޝަކުވާތަކައި، ހުރި މައްސަލަތައް ސިޓީ ކައުންސިލް ތެރެއިން ހައްލު ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެކަމުގެ ޔަގީންކަން އިންތިޚާބީ ކައުންސިލަރު ޝުޖާ ވަނީ ދެއްވާފައެވެ.
އަޅުގަނޑު ހަނދާން ހުންނާނެ، ލޮބުވެތި ރައްޔިތުން ދެއްވި ވޯޓު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަމާނާތް ތެރިކަމައި ތެދުވެރިކަމާއި އެކީގައި ހުޅުމާލޭގައި ހުރި މައްސަލަތައް މާލެ ސިޓީ ކައުންސިލުން ޤާނޫނީ އިމުގެ ތެރެއިން ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއްކޮށް ހުޅުމާލޭގެ ލޮބުވެތި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ، މީހެއްގެ ގޮތުގައި އަޅުގަޑު ހުންނާނަން.
– ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވަނީ ރައްޔިތުން ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން މި އިންތިޚާބުގައި މާލެ އާއި ހުޅުމާލެއާއި، މުޅި ރާއްޖެއިން ވާދަކުރެއްވި ކެނޑިޑޭތުންނަށް ދެއްވި އިތުބާރާއި ޔަގީންކަން ވަރަށް އިހުލާސްތެރިކަމާއިއެކު ޝުކުރު އަދާކުރައްވަފައެވެ. އޭނާ ވިދާޅުވީ ޚިދުމަތް ދިނުމުގައި އެއްވެސް ފިކުރަކަށް ވިސްނުމަކަށް ބެލުމެއްނެތި ހަަމަހަމަ ކަމާއިއެކު ޚިދުމަތް ދިނުމުގައި ސާބިތުވެ ހުންނާނެކަމަށެވެ.
ހުޅުމާލެ ދާއިރާގެ ފުރަތަމަ ކައުންސިލަރަކަށް ޝުޖާ އިންތިޚާބު ވެފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓުގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.
ކޮމެންޓު ފޮނުވާ