އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސިޓީން ބަލިވެފައިވާކަމަށާއި، ނަމަވެސް އިންތިޚާބު ކާމިޔާބު ވެފައިވާކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ އިންތިޚާބުގައި ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާކަމަށެވެ. ރާއްޖޭގެ ގިނަ ހިސާބުތަކުން ގޮޑިތައް އެމްޑީޕީއަށް ލިބިފައިވާކަމަށެވެ. ނަމަވެސް މާލެ ސިޓީއިން ބަލިވެފައިވާކަމަށް ގަބޫލު ކުރައްވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ މާލެ ސިޓީގައި މުހިންމު ގޮޑިތައް އަދިވެސް އެމްޑީޕީއަށް ނުގެއްލޭކަމަށެވެ. އެހެންކަމުން ކައުންސިލްގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަމަށެވެ. ނަޝީދު ވިދާޅުވީ މިއިންތިޚާބަކީ ގިނަ ކަންކަތައްތަކެއް ދަސްވެގެން ދިޔަ ކަމެއްކަމަށެވެ. އަދި މިއާއިއެކު ވަރަށް ގިނަ ކަންތަައްތަކެއް ބަދަލުވެގެންދާނެކަމަށެވެ.
އެމްޑީޕީގެ ރައީސް ނަޝީދުވަނީ އިންޚާބުވި ހުރިހާ ކައުންސިލަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މާލޭގެ ތަރައްޤީއަށް ކުރިއަށް އޮތް ތަނުގައި އިންތިޚާބުވި ކައުންސިލަރުންނާއެކީ މާލޭގެ މޭޔަރުގެ މަޤާމަށް އިންތިޚާބުވި މުއިއްޒު މަސައްކަތް ކުރައްވާނެކަމަށް އުންމީދު ކުރައްވާކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ލާމަރުކަޒީ އުސޫލުން ހިންގުމަށް މިހާރު އޮތް ބާރުތައް އިންތިޚާބުން ބަލިވުމަކުން ހިފެހެއްޓުމަކީ އެމްޑީޕީގެ ވިސްނުމެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މާލެ ސިޓީއާއި ރާއްޖެއަށް ބޮޑު ކުރިއެރުން އަންނާނެކަމަށް އުންމީދު ކުރާކަމަށެވެ.
ކޮމެންޓު ފޮނުވާ