ޖަލުގައި އޮވެ ގައްދޫ ކައުންސިލް ރައީސް ގޮޑި ކާމިޔާބުކޮށްފި

ޖަލުގައި އޮވެ ގައްދޫ ކައުންސިލް ރައީސް ގޮޑި ކާމިޔާބުކޮށްފި

Author
މުޙައްމަދު ޝަޒައިމް
11 އޭޕްރިލް 2021 02:13
0

ކުށެއްގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ ގައްދޫ ކައުންސިލް ރައީސްގެ ގޮޑިއަށް ވާދަކުރި ޕީޕީއެމްގެ ކެނޑިޑޭޓް މުޙައްމަދު އަޙްމަދު ގައްދޫ ކައުންސިލް ރައީސް ކަމުގެ ގޮޑި ކާމިޔާބު ކޮށްފިއެވެ.

ގައްދޫ ކައުންސިލްގެ ގޮޑި އޭނާ ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރިޒާން އާއި ވާދަކޮށެވެ. ޖަލުގައި އޮތް މުހައްމަދު އަހުމަދު ވަނީ700 އަށްވުރެ ގިނަ ވޯޓު ހޯދާފައެވެ. އޭނާއާއި ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓަށް މިހާރުގެ ނަތީޖާ ދައްކާގޮތުން 60 އަށްވުރެ ގިނަ ވޯޓުގެ ތަފާތު އެބައޮތެވެ.

މުހައްމަދު އަހުމަދު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ އޭނާ އަށް އުފުލާފައި ކުޑަކުއްޖަކާ ގުޅޭ ޖިންސީ ކުށުގެ މައްސަލައެއްގައެެވެ. އެގޮތުން މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. މި މައްސަލަތަކުގައި މިދިޔަ ނޮވެމްބަރު މަހު އޭނާއަށް ދައުވާ އުފުލާފައިވާ އިރު، އޭނާ މިވަގުތު ހުރީ މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

މުޙައްމަދު އަޙްމަދަކީ މީގެ ކުރިންވެސް އެރަށު ކައުންސިލް މެމްބަރުކަން އަދާކޮށްފައިވާ ފަރާތެކެވެ. އެގޮތުން އޭނާ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުއްޓާ އޭނާއަށް ވަނީ 2015 ވަނަ އަހަރު ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ކޮށްފައެވެ. އެ މައްސަލަ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ އިރު، އެ މައްސަލަ އަދި ފަށާފައެއް ނުވެއެވެ. ރަށު ކައުންސިލު ރައީސްކަމަށް ކުރިމަތިލުމަށް އޭނާއަށް ޕީޕީއެމްއިން ޓިކެޓު ދިން އިރުވެސް އޭނާއަށް އޮތީ އެ މައްސަލައިގައި ދައުވާކޮށްފައެވެ.

އޭނާގެ އިތުރުން ގައްދޫ ކައުންސިލްގެ 7 ގޮޑީގެ ތެރެއިން 6 ގޮޑި އިދިކޮޅު ޕީޕީއެމްއިން ވަނީ ކާމިޔާބު ކޮށްފައެވެ. އެމްޑީޕީއަށް ލިބިފައިވަނީ އެންމެ ގޮޑިއެކެވެ. ގައްދޫއަކީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއާއި، އެމްޑީޕީގެ މަޖިލިސް މެމްބަރު އަހުމަދު ޒާހިރު ނިސްބަތްވާ ދާއިރާއެވެ. މަޖިލިސް މެމްބަރަކާއި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރު ހުރު ގައްދޫއިން މިލިބުނު ނަތީޖާއަކީ ގައްދޫ ރައްޔިތުން ސަރުކާރަށް ދިން ވަރަށް ބޮޑު މެސެޖެއްކަމަށް ގައްދޫ ރައްޔިތުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.