އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީޓަކުގެ އިންތިޚާބުގައި ރާއްޖޭގެ ހަތަރު ސިޓީގެ މޭޔަރުންނަށް އިންތިޚާބުވި ބޭފުޅުންނަށް ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މަރުޚަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މޭޔަރު ކަމުގެ މަޤާމުތަކަށް އިންތިޚާބުވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ގުޅުއްވައި އެބޭފުޅުންނަށް މަރުހަބާ ވިދާޅުވެފައިވާކަމަށެވެ. އަދި އެބޭފުޅުންގެ މަސައްކަތުގައި ދެއްވަންޖެހުނު ކޮންމެ އެއްބާރުލުމެއް އެމަނިކުފާނުގެ ފަރާތްޕުޅުން ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ރައީސް ޞާލިހު އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކާމިޔާބީ ހޯއްދެވި ހުރިހާ މޭޔަރުންނަށް ފޯނުން ގުޅުއްވައި މަރުޙަބާ ވިދާޅުވި. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވި.
– މަބްރޫކް ވިދާޅުވިއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، މާލެ ސިޓީ ފިޔަވައި ހުރިހާ ސިޓީއެއްގެ މޭޔަރު ކަން ލިބިފައި ވަނީ އެމްޑީޕީއަށެވެ. މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފައި ވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.
އައްޑޫ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރެވެ. ހދ. ކުޅުދުއްފުށީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފައި ވަނީ މުހައްމަދު އާތިފެވެ. އަދި ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފައި ވަނީ އިސްމާއިލް ރަފީގެވެ.
އިންތިހާބުގެ ނަތީޖާއަށް ބަލައިލާއިރު، ވެރިކަން ކުރާ އެމްޑީޕީއަށް ވެސް ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރެވިފައިވީ ނަމަވެސް، މުހިންމު ގޮނޑިތަކެއް އެ ޕާޓީއަށް ވަނީ ގެއްލި ޕީޕީއެމަށް ލިބިފައެވެ. މިނަތީޖާއަކީ އެމްޑީޕީއަށް ހުރިހާ ބާރެއް ލިބިއޮވެ ލިބުނު ވަރަށް ލަދުވެތި ނަތީޖާއެއްކަމަށް ގިނަބަޔަކު ދެކެއެެވެ.
ކޮމެންޓު ފޮނުވާ