ވޯޓުލުމުގެ ހައްގުން ރައީސް ޔާމީން މަހުރޫމުކޮށް އިންތިޚާބެއް ރާއްޖޭގައި ބޭއްވުމަކީ ޑިމޮކްރަސީގެ ތާޖު އަޅުއްވައިގެން ތިއްބެވި ރައީސް ނަޝީދާއި ރައީސް އިބުރާހިމް މުޙައްމަދު ސޯލިހު ލަދު ގަންނަން ޖެހިވަޑައިގަންނަވާ ކަމަށް މި ސަރުކާރުގެ ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ހުކުމެއް ތަންފީޒު ކުރައްވާން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވި އިރު، މި އިންތިޚާބުގައި ޖަލުގައި ވޯޓުލުމަށް އެމަނިކުފާނު ރަޖިސްޓް ކުރައްވާފައެއް ނުވެއެވެ. ރައީސް ޔާމިންގެ ލޯޔަރު އަދި ކުރީގެ ނައިބު ރައިސް މުހައްމަދު ޖަމީލް އަހްމަދުވެސް ވަނީ، ވޯޓު ލުމުގެ ފުރުސަތު ރައީސް ޔާމީނަށް ސަރުކާރުން ދީފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ވޯޓުލާން އެއްވެސް ގައިދީއަކު މާލެ ގެނައުމަށް ހަމަޖެހިފައި ނުވާކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.
އެހެންކަމުން މިއަދު މި ކުރިއަށްދާ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައި ނުގަންނަވާނެ އެވެ.
މިކަމަށް އިޝާރާތްކުރައްވާ ކުރީގެ މިނިސްޓަރ މަލީހު ވިދާޅުވީ ރައީސް ޔާމީން ވޯޓުލުމުގެ ހައްގުން މަހުރޫމުކޮށް އިންތިޚާބެއް ބާއްވަން ޑިމޮކްރަސީގެ ތާޖު އަޅުއްވައިގެން ތިއްބެވި ރައީސް ނަޝީދާއި ރައީސް އިބުރާހިމް މުޙައްމަދު ސޯލިހު ލަދު ގަންނަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި މިއަދަކީވެސް ޑިމޮކްރަސީ ޓެސްޓު ކުރެވިގެންދާ ދުވަހެއް ކަމަށް، އަދުގެ ސަރުކާރު ގެނައުމުގައި އިސްކޮށް މަސައްކަތްކުރެއްވި އަދި މިސަރުކާރުގެ ފުރަތަމަ، ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މަލީހް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމިން ވޯޓުލުމަށް ރެޖިސްޓްރީ ވެފައި ނުވަނީ ޕީޕީއެމުން މާލޭގެ މޭޔަރަށް ވާދަކުރާ ޑރ. މުޢިއްޒަށް ވޯޓުނުދެއްވަން ކަމަށް ވެސް ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ޚަބަރު ފަތުރާފައެވެ. ނަމަވެސް ޕީޕީއެމުން އެކަން ވަނީ ވަރަށް ހަރުކަށި އިބާރާތުން ކުއްވެރި ކޮށްފައެވެ.
ކޮމެންޓު ފޮނުވާ