މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފި އެވެ.
ރައީސް ނަޝީދު ވޯޓުލައްވާފައިވަނީ ގަލޮޅު ދަނޑުގައި ބަހައްޓާފައި ހުރި އެމަނިކުފާނު ނިސްބަތްވާ ދާއިރާގެ ވޯޓު ފޮއްޓަށެވެ. ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުން، ހުރިހާ ސިޓީއެއްގެ މޭޔަރުކަމާއި ގިނަ ކައުންސިލްތަކުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމަށެވެ. އަދި އާންމު ގޮތެއްގައި ލޯކަލް ކައުންސިލް އިންތިހާބަކީ މާލޭގައި ނިސްބަތުން މަދު އަދަދެއްގެ ބަޔަކު ވޯޓުލާ އިންތިހާބެއް ނަމަވެސް މިއަހަރު ބޮޑު އިންސައްތައެއްގެ ވޯޓުލާން ނުކުންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެސް ވަނީ މިއަދު މެންދުރުކުރީގައި ވޯޓް ލައްވާފައެވެ.
މި އިންތިޚާބުގައި މިހާތަނަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓާއި އެމްޑީޕީގެ ކެންޑިޑޭޓްވެސް ވަނީ ވޯޓު ލައްވާފައެވެ.
މިއިންތިޚާބުގައި މިހާތަނަށް ވޯޓުލާން ނުކުމެފައިވާ މީހުންގެ އަދަދު މަދު ނަމަވެސް ގިނަބަޔަކު ވޯޓުލާން ނުކުތުމަށް ދަނީ ބާރު އަޅަމުންނެވެ.
މިއަދު ހެނދުނު 7:00 އިން ފެށިގެން ވޯޓުލުންވަނީ ފަށާފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތް ހިނގާ ރަށްރަށުގައި ވޯޓުލުމުގެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ އިންޑިއާ އާއި ސްރީ ލަންކާގައެވެ. މިއީ ނިސްބަތުން ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ދެގައުމެވެ.
ކޮމެންޓު ފޮނުވާ