މާލޭ ރައްޔިތުންގެ ތާއީދާއި އެއްބާރުލުން ނެތި އަދިވެސް މި ރާއްޖޭގައި ވެރިކަމެއް ހިންގޭނީ ގޮށްމުށުން ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެ އެވެ.
އިބްރާ އަކީ އެމްޑީޕީ އުފެއްދުމާއި އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެރިކަން ކުރައްވަނީ ހުދުމުހުތާރުކޮށް ގޮށްމުށުގެ ބާރުގައި ކަމަށް ވިދާޅުވެ އެވެރިކަމާ ދެކޮޅަށް ނުކުންނެވި ބޭފުޅުންގެ ތެރެއިން އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ.
އެހެންނަމަވެސް އިބްރާ ގެންދަވަނީ އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕަށާއި އަދުގެ ސަރުކާރަށް ވަރަށް ފާޅަން ބޮޑުގޮތެއްގައި ފާޑުވިދާޅުވަމުންނެވެ.
އިބްރާ ވިދާޅުވީ މާލޭ މީހުންނަކީ ބަހަށްވުރެ އަމަލު ގިނަބައެއް ކަމަށާއި އެމްޑީޕީ ހިންގަވަން މިވަގުތު ތިއްބެވި ބޭފުޅުން އެކަން ހަނދާން ނެތިފައި ވާކަމަށެވެ.
އިބްރާ މިހެެން ވިދާޅުވެފައި މިވަނީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އޭރުގެ އިސްލާހީ ހަރަކާތުގައި ނަގާކިޔަން އުޅުނު ގިނަބަޔަކު އެމްޑީޕީއާއި އަދުގެ ސަރުކާރަށް ފާޑުކިޔަމުންގެންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން ސަރުކާރަށް މިފަދަ ފާޑުކިޔުންތައް އިދިކޮޅު ފަރާތްތަކަށްވުރެ، އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ފަރާތުން މާބޮޑަށް އަމާޒުވަމުންދާކަން ފާހަކޮށްލެވެ އެވެ. ވެރިކަން ލިބި އާރާއި ބާރު ލިބުމުން ރައްޔިތުންނަށް ވެވަޑައިގެނފައިވާ ވައުދުތައް ފުއްދުމުގެ ބަލުގައި ނިޒާމު ބަދަލުކޮށް ތިމާގެ ބާރުވެރިކަން ގަދަކުރަން މަސައްކަތް ކުރުން ނޫންކަމެއް އެމްޑީޕީ ތެރެއިން ކުރެވޭތަން ނުފެންނަކަމަށް އެޕާޓީގެ އިސް މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ