މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވޯޓު ލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވޯޓުލައްވާފައިވަނީ ޖަމާލުއްދީން ސުކޫލުގައި އެމަނިކުފާނު ނިސްބަތްވާ ދާއިރާގެ ވޯޓު ފޮއްޓަށެވެ. ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ މުހިންމު އިންތިޚާބެއް ކަމަށާއި ވީހާގިނަބަޔަކު ނުކުމެ މި އިންތިހާބުގައި ވޯޓުލުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
މި އިންތިޚާބުގައި މިހާތަނަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓާއި އެމްޑީޕީގެ ކެންޑިޑޭޓްވެސް ވަނީ ވޯޓު ލައްވާފައެވެ.
މިއިންތިޚާބުގައި މިހާތަނަށް ވޯޓުލާން ނިކުމެފައިވާ މީހުންގެ އަދަދު މަދު ނަމަވެސް ގިނަބަޔަކު ވޯޓުލާން ނިކުތުމަށް ދަނީ ބާރު އަޅަމުންނެވެ.
މިއަދު ހެނދުނު 7:00 އިން ފެށިގެން ވޯޓުލުންވަނީ ފަށާފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތް ހިނގާ ރަށްރަށުގައި ވޯޓުލުމުގެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ އިންޑިއާ އާއި ސްރީ ލަންކާގައެވެ. މިއީ ނިސްބަތުން ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ދެޤައުމެވެ.
މިއަދު ވޯޓުލުން ފެށި ވަގުތު އެކި ސަބަބުތަކާހެދި ތިން ރަށެއްގައި ވޯޓްލުން ލަސްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އެއީ މ.ރަތްމަންދުއާއި ވ.ތިނަދޫގައެވެ. ރަތްމަންދޫއާއި ތ.ވިލިފުއްޓެވެ. މިރަށްރަށުގެ ވޯޓުލުން ފެށޭނީ 8:30 ހާއިރުކަމަށް މަޢުލޫމާތު ލިބެއެވެ.
މި އިންތިޚާބުގައި 982 މެންބަރުން ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރަން ހަމަޖެހިފައިވެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިޚާބު ކުރާނެއެވެ.
ކޮމެންޓު ފޮނުވާ