ތ.ވިލިފުށީގައި ވޯޓުލުމުގެ ކަންކަމުގައި ހަރަކާތްތެރިވާ އިލެކްޝަންގެ 18 އޮފިޝަލަކު ކަރަންޓީވާން ޖެހުމުން އެރަށުގައި ވޯޓުލާން ފަށަނީ މާލެ އިން އޮފިޝަލުން އެރަށަށް ދިއުމުން ކަމުގައި އިލެކްޝަން ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވިލިފުށީގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ކައިރީގައި އިލެކްޝަންގެ 20 އޮފިޝަލުން ހަރަކާތްތެރިވާކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 18 އޮފިޝަލަކު ޕޮޒިޓިވްވެ މާލެއިން އެރަަށް އޮފިޝަލުން ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ ޕޮލިސް ލޯންޗުގައި މިރޭ ފަތިހު އޮފިޝަލުން އެރަށަށް ފިނުވުމަށް ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ އޮފިޝަލުން އެރަށަށް ގޮސް ވޯޓުލުން ފެށޭނެކަމަށް ބެލެވެނީ މާދަމާ ހެނދުނު 9:00 ގައި ކަމަށެވެ. އިލެކްޝަނުން ދަނީ މާދަމާ ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސަމުންނެވެ.
މާދަމާ ބާއްވާ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ހެނދުނު 7:00 އިން ހަވީރު 5:00އާ ހަމައަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކޯވިޑްއަށް ޕޮޒިޓިވް މީހުންނާއި ކަރަންޓިނުގައި ތިބޭ މީހުން ވޯޓުލާން ގެންނާނީ ހަވީރު 5:00އިން އިރުއޮއްސި 6:00އަށް ކަމަށެވެ. އެއާއެކު ޢާންމު މީހުން ވޯޓްލާ ނިމުމުން މަރުކަޒުގައި އޭގެ ނުރައްކާ ކުޑަވާނެގޮތަށް ވީހާވެސް މަދު ބަޔަކު ތިބެގެން ވޯޓުލުން ކުރިއަށްދާނެކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެެވެ.
ކޮމެންޓު ފޮނުވާ