އިންތިޚާބުގައި ދައުލަތުގެ މީޑިއާ ހައިޖެކް ކުރުމަކީ ބޮޑު މައްސަލައެއް: ޓެޑްރީ

އިންތިޚާބުގައި ދައުލަތުގެ މީޑިއާ ހައިޖެކް ކުރުމަކީ ބޮޑު މައްސަލައެއް: ޓެޑްރީ

Author
މުޙައްމަދު ޝަޒައިމް
09 އޭޕްރިލް 2021 12:22
0

މާދަމާ ބާއްވާކައުންސިލް އިންތިޚާބާއި ދިމާކޮށް ދައުލަތުގެ މީޑިޔާގެ ހުރިހާ ވަގުތެއް އެމްޑީޕީއަށްދީ ހައިޖެކް ކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އެމްޑީޕީއަށް އަބަދުވެސް ތާއީދު ކުރައްވާ މަޝްހޫރު ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ވިދާޅުވެއްޖެއެވެ.

ޓެޑްރީއަކީ މީޑިޔާއާއި ވަރަށް ރައްޓިހި މީޑީޔާގެ ކަންކަން ވަރަށް ގާތުން އަބަދުވެސް ބައްލަވާ ބޭފުޅެކެވެ. ދައުލަތުގެ މީޑިޔާއިން އިއްޔެ ހެނދުނު ފެށީގެން ރޭ ދަންވަރާއި ހަމަައަށް އަދި މިއަދު ހެނދުނުގެ ގިނަ ވަގުތައްވެސް ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީއަށް ދީފައިވާތީ އެކަމަށް ފާޑުވިދާޅުވަމުން ޓެޑްރީ ވިދާޅުވީ ވަރަށް ބޮޑު މައްސަލަ އެއްކަމަށެވެ.

ދައުލަތުގެ މީޑީޔާއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ތަނަކަށްވާއިރު، އެތަނުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ލިބިގެން ނުވާނެކަމަށެވެ. އަދި ޚާއްސަކޮށް އިންތިޚާބެއްގެ ތެރޭގައި ޕަބްލިކް ބްރޯޑްކާސްޓިންގެ ތެރޭގައި ފައިސާއިން މުޅި މީޑިޔާ ހައިޖެކް ކުރެވޭ ނިޒާމަކީ ވަރަށް ދެރަވަރު ނިޒާމެއްކަމަށާއި މިއީ ވަރަށް ދަށު ދަރަޖައިގެ ކަމެއްކަމަށް އޭނަ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ވިޔަސް މިއީ ވަރަށް ކަޑަކަމެއް! ދައުލަތުގެ މީޑިޔާ ރައްޔިތުންގެ ޓެކްސް ފައިސާ އިން ހިންގަނީ މިފަދަ ނަހަމަ އުސޫލުތަކުން އެއްކިބާ ކުރަން. އިލެކްޝަނެއްގެ ތެރޭގައި ޕަބްލިކް ބުރޯޑްކާސްޓިންގ މިދަރަޖައަށް ފައިސާއިން ހައިޖެކް ވުމަކީ މައްސަލައެއް.

– ޓެޑްރީ ވިދާޅުވިއެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވާ ގޮތުގައި، ކެންޑިޓޭޓުންނަށް ހާއްސަ ކުރާ ވަގުތުގެ ތެރެއުން އެއް ކެންޑިޑޭޓަކަށް ދޭން ކަނޑައަޅާ ވަގުތަށްވުރެ 10 ޕަސެންޓަށް ވުރެ އިތުރު ވަގުތު، އެއް ކެންޑިޑޭޓަކަށް ނުވަތަ އެއް ސިޔާސީ ޕާޓީއަކަށް ނުވަތަ ނުވަތަ އެއް ކެންޑިޑޭޓަކަށާއި އެ ކެންޑިޑޭޓު ނިސްބަތްވާ ސިޔާސީ ޕާޓީއަށް ދީ ނުވަތަ ވިއްކައިގެން ނުވާނެ ކަމަށެވެ.

އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ބާރަށް ކުރިއަށް ގެންދަމުންދާއިރު، އިދިކޮޅުން ވަނީ ކެމްޕެއިން ކުރުމަށް އެކަށީގެންވާ ފުރުސަތުތަކެއް ލިބެމުން ނުދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.