ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއް ކަމަށާއި، އެ ހާލީގައި ހުރި ކޮންމެ ނަރުފުކެއްގެ މިންވެސް އެ ޕާޓީއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް އެމްޑީޕީގެ ރައީސްް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރި ކެމްޕެއިން ނިމުން ފާހަގަކުރުމަށް އއ.ރަސްދޫ ފަޅުމަތީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއްކަމަށާއި، އެހާލީގެ ކޮންމެ ފަތްކޮޅެއް ގެންގޮސް ގަހުގައި ބޭއްވީ އެމްޑީޕީގެ ތުނބުން ކަމަށެވެ. އެ ހާއްޔަށް ބިސް އެޅީ އެމްޑީޕީންކަމަށާއި، އެ ހާއްޔަށް އެޅި ބިސް ފީކުރީވެސް އެމްޑީޕީންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެ ބިހުން ނިކުތް ދޫނި ދެފިޔަ ފަޅައިގެން ހުޅުވައިގެން އުދުހިފައިއ ެދަނީ މާ މަތިން ރަށްވެހި ފަތިހަކަށްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ކާޅުގެ ހާއްޔަށް ކޮވެލި ބިސްއެޅުމަކީ އާދައެެއްކަމަށާއި، ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއްކަމުން އެހެން ބަޔަކަށް އެ ހާއްޔަށް ބިސް ނޭޅޭނެކަމަށެވެ. އެ ހާލީގައި ބިސް އަޅާނީވެސް އަދި ފީކުރާނީވެސް އަދި ދޫނިނެރެ އުދުއްސާލލާނީވެސް އެމްޑީޕީންކަމަށް ރައީސް ނަޝީދު ފޯރީގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.
ނޫން މީ އެމްޑީޕީގެ ޙާއްޔެއް. މި ހާއްޔަކަށް ޕީޕީއެމްއަކަށް ބިހެއް ނޭޅޭނެ. އެއްވެސް ބަޔަކަށް ބިހެއް ނޭޅޭނޭ. މިއީ އަޅުގަނޑުމެންގެ ހާއްޔެއް. މި ހާލީގައި ބިސް އަޅާނީވެސް ބިސް ފީކުރާނީވެސް އަދިއެ ދޫނި ނެރި އުދުއްސާލާނީވެސް ހަމަ އަޅުގަނޑުމެން، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ.
– އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު
ނަޝީދުގެ ވާހަކަފުޅުގައި އެމްޑީޕީން ނިކުމެ އޮތީ މުޅިން އެހެން ޤައުމިއްޔަތެއް އުފެއްދުމަށްކަމަށާއި، އިސްލާމް ދީނުގެ އުސޫލްތައް ޤަބޫލުކުރާ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށްހިތާ، ދުޅަހެޔޮ ރިވެތި ރައްޔިތުން ދިރިއުޅޭ ޤައުމިއްޔަތެއް ބިނާކުރުމަށްކަމަށެވެ. އޭގެ އެންމެ މުހިންމު ތަރަހައަކީ ރައްޔިތުންނާއި ގާތުން ވެރިކަން ކުރެވޭނެ ނިޒާމެއް ޤާއުމްކުރުންކަމަށާއި، އެއީ ލާމަރުކަޒީ ނިޒާމްކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ ނިޒާމަކީ ރައްޔތުންނާއި ގާތުން ވެރިކަންކުރާ ނިޒާމުކަމަށާއި، އެ ނިޒާމް ރައްޔިތުން ބަލައިގަނެފިކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ