ރައްޔިތުންނަށް ވައުދުވެ އެވައުދުތައް ނުފުއްދުުނު މީހުންނަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ދިވެހި ރައްޔިތުން ނޫނެކޭ ބުނަންޖެހޭ ކަމުގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރަށްވެހި ފަތިސް ކެމްޕެއިން ނިންމުމަށް މިރޭ އއ.ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ ނިމިދިޔަ ވެރިކަންތަކުގައި ރައްޔިތުންނަށް އެތައް ވައުދެއްވެ އެވައުދުތައް ނުފުއްދި ގިނަ ކަންކަން މިސަރުކާރަށް ހައްލު ކުރަންޖެހުނު ކަމަށެވެ. މިއަދު މިސަރުކާރުންދަނީ ނިމިދިޔަ ތަނުގައި ރައްޔިތުންނަށް ޖެހުނު ތަކްލީފުތަކުން އަރައި ގަތުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
ރައްޔިތުންނަށް ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ގެނުވޭނީ ކައުންސިލް އަތޮޅާއި ރަށަށްވެސް އެދޭ ތަރައްޤީ ހާސިލް ކުރެވިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަތޮޅު ތެރޭގެ ތަރައްޤީ ގުޅިފައިވަނީ ކައުންސިލް އިންތިޚާބާއިކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ނޫން ޕާޓީއަކަށް ދެވޭ ވޯޓަކީ ތަރައްޤީއަށް ދެކޮޅަށް ދެވޭ ވޯޓެއްކަމަށެވެ. އެމްޑީޕީން ރައްޔިތުންނަށް ގެނެސްދެއްވަން ބޭނުންވާ ތަރައްޤީގެ އުންމީދު ހާސިލް ކުރެވޭނީ މިއިންތިޚާބާއި އެކުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ވައުދުވެ އެވައުދު ފުއްދާ ބަޔަކާއި އެކު ކުރިއަށްދާންކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ މިވެރިކަން ނޫނީ ރައްޔިތުންނަށް ވައުދުވެ އެވައުދު ރަނުން ރަނަށް ފުއްދި ބަޔަކު ނެތްކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެކަން ކުރާނީ އެމްޑީޕީންކަން ފާހަގަކޮށް މިނިސްޓަރ ވަނީ ހުރިހާ ރައްޔިތުންވެސް އެމްޑީޕީއަށް ވޯޓު ދިނުމަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ