ތަރައްޤީއާއި ކުރިއެރުމަކީ ޓީމެއްގެ ގޮތުގައި އޮވެގެން ނޫނީ ހޯދޭނެ އެއްޗެއްނޫން: ރައީސް

ތަރައްޤީއާއި ކުރިއެރުމަކީ ޓީމެއްގެ ގޮތުގައި އޮވެގެން ނޫނީ ހޯދޭނެ އެއްޗެއްނޫން: ރައީސް

Author
މުޙައްމަދު ޝަޒައިމް
08 އޭޕްރިލް 2021 09:55
0

ތަރައްޤީއާއި ކުރިއެރުމަކީ ޓީމެއްގެ ގޮތުގައި އޮވެގެން ނޫނީ ހޯދޭނެ އެއްޗެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިން ނިންމުމަށް މިރޭ އއ.ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްޤީ ހޯދޭނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެންކަމަށެވެ. އެކަން މިވަގުތު ރާއްޖެއަށް ކުރެވެން އޮތީ އެމްޑީޕީއާއި އެކީ މަސައްކަތް ކޮށްގެންކަމަށެވެ. ރާއްޖޭގައި ބަދަހި ސަފުތަކެއްގެ ގޮތުގައި އޮތް ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވިދާޅުވީ ތަރައްޤީއަށްޓަކައި ސަރުކާރުން ގިނަ މަސައްކަތް ކުރަމުންދާކަމަށެވެ. އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކަށް އޮތީ އެންމެ ފުރަތަމަ ދުވަހުވެސް ރާއްޖޭގެ ރައްޔިތުންނަކީ ނަޖިހުން ސަލާމާތް ވެފައިވާ ބަޔަކަށް ހެދުންކަމަށެވެ. އެމަސައްކަތުގައި މިހާތަނަށް ކުރެވުނު މަސައްކަތުން ރާއްޖޭގައި މިއަދު ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށިވާ މީހުން ދިރިއުޅޭ އެއްވެސް ރަށެއް ނޯންނާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އެމަނިކުފާ ވިދާޅުވީ ސަރުކާރުން މިހާރު ހިންގާ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި އެމްޑީޕީގެ ކައުންސިލަރުން އިންތިޚާބު ވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

ތަރައްޤީގެ މަޝްރޫއުތަކަށް އަލި އަޅުވާލަމުން ރައީސް ޞާލިހު ވިދާޅުވީ މިވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އަތޮޅު ތެރޭގެ ކަރަންޓުގެ މައްލަ ހައްލު ކުރަން ވަރަށްބޮޑު އިސްކަމެއްދީ، ރާއްޖެ ގެނެވުނު 176 ޖަނަރޭޓަރު މިދިޔަ އަހަރު ރާއްޖޭގެ އެކި ރަށްތަކަށް ގެންގޮސް ކަރަންޓް ޔަގީންކޮށް ދެއްވާފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ކަރަންޓުގެ ޚިދުމަތްދޭތާ 72 އަހަރު ވެފައިވާއިރު އަތޮޅު ތެރޭގައި އުފެއްދުނީ 153 މެޖަވޯޓް ކަމަށެވެ. ނަމަވެސް މިސަރުކާރުގެ މިވީ މުއްދަތުގައި އިތުރު 180 މެގަވޯޓް އަތޮޅު ތެރޭގައި ގާއިމް ކުރެވިފައިވާކަމަށެވެ.

ރައީސް ވިދާޅުވީ މިއަދު އަތޮޅު ތެރޭގެ ޞިއްޚީ ހިދުމަތަަށް ގެނައި ބަދަލާއިއެކު ކޯވިޑްގެ ތެރޭގައި މާލެއަށް ޚިދުމަތް ހޯދަން އަންން ނުޖެހި އަތޮޅު ތެރެއިން ރަނގަޅު ޞިއްޚި ފަރުވާ އެތައް ބަޔަކަށް ދެވިފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ތައުލީމީ ދާއިރާއަށް ގެނެވުނު އިސްލާހީ ބަދަލުތަކާއިއެކު މިއަދު ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވާ 10،780 ދަރިވަރުން އެބަތިބިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އަތޮޅު ތެރޭގައާއި މާލޭގެ ބޯހިޔާވަހިކަމަށް ވަރަށް ގިނަ މަސައްކަތް ރޭވިފައިވާކަމަށެވެ. އެގޮތުން އެތޮޅު ތެރޭގެ ބޯހިޔާވަހިކަމަށް 2022 ވަނަ އަހަރު 1.5 ބިލިޔަން ރުފިޔާ ބަޖެޓް ކުރައްވާނެކަމަށެވެ. އަދި މާލޭގެ ހާސްކަމަށް ހައްލެއް ގެނައުމަށް މިއަހަރު އެކަނި 5،000 ހައުސިން ޔުނިޓް ކުރިއަށްދާނެ ކަމަށާއި، އަމާޒަކީ މިއަދަދު 13،000 ހައުސިން ޔުނިޓަށް އިތުރު ކުރުންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިކަންކަން ކުރެވޭނީ އެމްޑީޕީގެ ކައުންސިލަރުން އިންތިޚާބު ކޮށްގެންކަމަށެވެ. މުޅި ރާއްޖޭގެ ރައްޔިތުންވެސް އެމްޑީޕީއަށް ވޯޓު ދެއްވުމަކީ ރާއްޖޭގެ ތަރައްޤީއަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމުގައި ރައީސް ޞާލިހު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

k kinboo
raajjeyge thinbaikulha dhebai meehun baakee kollaafa anbondi bannan kaley ulhenee ehenvetha?