ހޮނިހިރު ދުވަހުގެ ވޯޓަށް މޮނިޓަރުންނާއި އޮބްޒާވަރުން ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ: ޕީޕީއެމް

ހޮނިހިރު ދުވަހުގެ ވޯޓަށް މޮނިޓަރުންނާއި އޮބްޒާވަރުން ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ: ޕީޕީއެމް

Author
ޢަލީ އާދަމް
08 އޭޕްރިލް 2021 02:45
0

ހޮނިހިދު ދުވަހު ބާއްވާ އިންތިޚާބަށް މޮނިޓަރުންނާއި އޮބްޒާވަރުން ވަރަށް ބޮޑަށް ފާރަވެރިވެ ބަލަން ޖެހޭކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

"މިއީ މަގޭ ރާއްޖެ" ކެމްޕެއިން ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެމްޕއެިން މެނޭޖަރ މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވީ، މިއީ އިދިކޮޅުގައި ހިލިހިލާ ޖަހާފައި ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ނުފޫޒު ފޯރުވައިގެން ބާއްވާ އިންތިޚާބެއް ކަމަށާއި މި ހުރިހާ ދަތިތަކާއެކުވެސް އިދިކޮޅުން ވޯޓުފޮށިން ނަތީޖާ ނެރޭނެ ކަމަށެވެ.

އެހެން ނަމަވެސް މިގޮތަށް ނަތީޖާ ނެރެ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ވޯޓުފޮށްޓާއިމެދު ފާރަވެރިވެ ވަރަށް ރަނގަޅަށް ބަލަން ޖެހޭ ކަމަށް މުއާޒް ވިދާޅުވިއެވެ. ހާއްސަގޮތެއްގައި ކޮންމެ ރަށެއްގައިވެސް ބަހައްޓާ އެހެނިހެން ރަށްރަށުގެ މީހުންގެ ވޯޓުލާ ފޮށިތަށް ވަރަށް ރަނގަޅަށް ބަލަހައްޓަން ޖެހޭކަމަށް "މިއީ މަގޭ ރާއްޖެ" ކެމްޕެއިން ޓީމުން ބުނެއެވެ.

އިންތިޚާބު ވަގަށް ނެގުމަށް މަސައްކަތްކުރަނީ ކަޅުފައިސާގެ ނުފޫޒާއި ސަރުކާރުގެ ހުރިހާ މުވައްސަސާއާއި ވަސީލަތް ބޭނުންކޮށްގެން ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

"ކަޅުފައިސާ އިންތިޚާބަށް ބަހަމުންދާކަން އަޅުގަނޑުމެންނަށް ރަށްރަށުގެ ފަރާތުން އެބަ މައުލޫމާތު ލިބޭ. ކޯވިޑްގެ މި ބަލިމަޑުކަމުގެ ތެރޭގައި ނާޤާބިލް ސަރުކާރުން ރާއްޖޭގެ އިޤްތިސާދާއި މުޅި ދިވެހިރާއްޖެ ފުނޑާލާފައި އޮތް ވަގުތެއްގައި ގިނަ ރައްޔިތުން އުޅެނީ ވަރަށް ހާލުގައި. މިފަދަ ހާލަތުގައި ތިއްބާ ގޮސް ކަޅުފައިސާ މި ބަހަނީ އިންތިޚާބަކަށް ނުފޫޒު ފޯރުވަން"

– މުއާޒް

އެހެންކަމުން ކަޅުފައިސާގެ އަވައިގާ ރައްޔޮތުން ނުޖެހުމަށްވެސް "މިއީ މަގޭ ރާއްޖެ" ކެމްޕެއިން ޓީމުންް ވަނީ އިލްތިމާސްކޮށްފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ މި ހުރިހާ ދަތިތަކެއްގެ ތެރެއިންވެސް ބޮޑުތަނުން އެކޯލިޝަނުން އިންތިޚާބް ކާމިޔާބު ކުރާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.