ރައީސް ޔާމީންގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް އެޅުއްވި ހިޔާ ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓްތަކަށް އެންމެ އަވަހަށްވެސް ވަދެވޭނީ ތިން މަސް ފަހުންކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ މެދުގައި މާދަމައިން ފެށިގެން ގުރުއަތުލައި، ލިބޭނީ ކޮން ފްލެޓެއްތޯ ޔަގީން ކުރަމުންދާކަމަށެވެ. އަދި މިމަސައްކަތް ނިންމައި، ފްލެޓްތަކުގައި މުށި ޖެހުމާއި، އެނޫންވެސް ހުރި ކުދި ކުދި މަސައްކަތްތައް ނިންމުމަށްފަހު މީހުން ތަނަށް ވަންނަން ތިން މަސްވަރު ވާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ހިޔާ ފްލެޓްގެ ތެރެއިން ފަންނީ މީހުންނަށް ލިބުނު ފްލެޓް ސަރުކާރުގެ އެހެން މަޝްރޫޢުއަކަށް ބަދަލު ކުރަން ހުޅުވާލި ފުރުސަތުގައި މިހާތަނަށް ކޮންމެވެސް ވަރަކަށް މީހުން އެދިފައިވާކަމަށެވެ. ނަމަވެސް ސީދާ އަދަދެއް މިނިސްޓަރ އަސްލަމް ވިދާޅުވެފައި ނުވެއެވެ.
ހިޔާ ފްލެޓުގެ ގުރުއަތު ނެގުން މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ ގުރުއަތު ނަގާނީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ކެޓެގަރީކަމަށްވާ H10 ކެޓެގަރީންކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. މާދަމާ ހެދުނު 9:00އިން ފެށިގެން H10 ކެޓަގަރީ ލިސްޓުގައިވާ އެންމެންގެ ގުރުއަތު ނަގައިނިމެންދެން ގުރުއަތުލުން ކުރިއަށްގެންދާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އަދި ގުރުއަތުލުން ކުރިއަށްދާނީ، H10 ކެޓަގަރީން ފުލެޓް ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ މީހުންގެ އައި.ޑީ ކާޑުގެ ނަމްބަރު ތަރުތީބުންނެވެ. ގުރުއަތު ނަގާނީ، ފުލެޓް ނަމްބަރު ކަރުދާސް ކޮޅުތަކެއްގައި ފޮށްޓަކަށް އެޅުމަށްފަހު ލިސްޓްގައި ހިމެނޭ މީހުންގެ އައި.ޑީ.ކާޑު ނަމްބަރު ތަރުތީބުންނެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާގެ 25 ބުރީގެ 16 ޓަވަރުގެ 7000 އެޕާޓްމަންޓްގެ ތެރެއިން 6720 ފްލެޓް މީހުން ދިރިއުޅުމަށް ވަނީ ހަމަޖައްސާފައެވެ. މި ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް މިހާރު އިޢުލާންކޮށްފައިވާއިރު ފްލެޓްތަކަށް ވަނީ ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅާފައެވެ. އަދި ކަރަންޓުގެ މަސައްކަތްތައް ނިންމުމަށް މަސައްކަތްކުރަމުން އަންނައިރު ފްލެޓްތަކުގައި ސްމާޓް މީޓަރުތައް ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ