ސަރުކާރު ހިންގާ އެމްޑީޕީގެ ފަލްސަފާއަކީ މިއަދު " މަ މޮޅު" ކިޔައިގެން ތިބޭ ފަލްސަފާއެއްކަމަށް ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަމާއި، ރައްޔިތުންގެ މަޖިލިސް އެމްޑީޕީއަށް ދީގެން މާބޮޑު ނަތީޖާއެއް ނުފެނުނުނަމަވެސް، ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ދީފިނަމަ ތަފާތު ފެންނާނެކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ ހުސް ވާހަކަތަކެއްގައި ރައްޔިތުން ތާއަބަދު ބޭތިއްބުމަކީ މިއަދު އެމްޑީޕީގެ އަމާޒަކަށް ވެފައިވާކަމަށެވެ.
އެމްޑީޕީން މިއަދު ހުސްވާހަތައް ދައްކައިގެން ކަންކަން ކުރައްވަން އުޅުއްވާ އުޅުއްވުމަކީ މިއަދު ރައްޔިތުން ގަބޫލު ކުރާ ކަމެއްނޫންކަމަށް ޖަމީލް ވިދާޅުވިއެވެ. ފާއިތުވީ 20 އަހަރު އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރެއްވީ ބަހަނާ ދައްކައިގެން ތާއަބަދު ރައްޔިތުން ގުނބޯ ހެއްދުންކަމަށެވެ. ޤައުމަށް ހޯދޭ ކުރިއެރުމެއް ގެނެވޭ ތަރައްޤީއެއް މިއަދު ފެންނަން ނެތްއިރު، މިއަދު އިވެނީ މީގެ20 އަހަރު ކުރިންވެސް އެމްޑީޕީން ދައްކަމުންދިޔަ "މަ މޮޅު" ވާހަކަ ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
ހުސްވާހަކައިން އަބަދު ރައްޔިތުންނަށް އޮޅުވާލުމަކީ އެމްޑީޕީގެ އަމާޒަށްވެއްޖެ. 20 އަހަރުވަންދެން ބަހަނާ ދައްކަދައްކާ ގޮސް ބަހަނާތައް ހުސްވެއްޖެ. ޕާޓީގެ ފަލްސަފާ އޮތީ "މަ މޮޅު" ކިޔުމަށް. ޤަޢުމީ ތަރައްޤީގެ ވިސްނުން ސާބިތުކޮށްދިނީ ރައީސް ޔާމީން އާއި ޕީޕީއެމްއިން.
– ޖަމީލް ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން މިހާރު ކުރަމުން އަންނަނީ ކެމްޕެއިންގެ އެންމެ ފަހުގެ މަސައްކަތްތައްކަމަށެވެ. ރައީސް ނަޝީދު ވަނީ އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުގައި ވީހާވެސް ގިނަބަޔަކު ވޯޓު ލުމަށް ނިކުތުމަށް އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން އަންނަނީ ލާމަރުކަޒީ ނިޒާމެއް ޤާއިމްކުރުމަށްކަމާއި، އެކަމުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެގެންދާނެކަމަށެވެ. ނަޝީދު ވިދާޅުވީ، ސަރުކާރެއް މެދުވެރިކޮށް ކަމެއް ކުރުމަށްވުރެ ކައުންސިލެއް މެދުވެރިކޮށް އެކަމެއް ކުރުން މާ ފަސޭހަވާނެކަމަށާއި، ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި މުދަލަށްވުރެ މާލެ ސިޓީގެ މުދާ ގިނަވާނެކަން ފާހަގަކުރައްވާ ރައީސް ނަޝިދު ވަނީ އެމްޑީޕީން މަސައްކަތްކުރަނީ އެފަދަ ކަންކަން ސިޓީ ކައުންސިލްގެ ދަށް ފުރޮޅާލުމަށްކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރެއް އެކުލަވާލުމަށް އެމްޑީޕީއަށް ވޯޓު ދިފާއި އޮތްއޮތުމަށް މާބޮޑު ރާހަތެއް ނުކުރިނަމަވެސް ކައުންސިލްތައް ދީފިނަމަ ތަފާތު ފެންނާނެކަމަށާއި، ލާމަރުކަޒީ ނިޒާމެއް އެކުލަވާލާ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ފުރުޞަތު އެޕާޓީން ފަހިކޮށްދޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ