ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ބޮރޫޝިއާ ޑޯޓްމުންޑް ބަލިކޮށް ސިޓީން ފުރަތަމަ ލެގު ކާމިޔާބު ކޮށްފިއެވެ.
ސިޓީން މިމެޗު ކާމިޔާބު ކުރީ ފަހު ވަގުތު ފޯޑެން ކާމިޔާބު ކުރި ލަޑާއެކު 2-1 ގެ ނަތީޖާއަކުންނެވެ.
މިމެޗުގައި ދެ ޓީމުންވެސް ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ސިޓީންނެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ރިޔާދު މާރޭޒް ދިން ޕާހަކުން ސިޓީއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ކެވިން ޑި ބްރޭނާއެވެ.
އެކަމަކު މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ޑޯޓްމުންޑުން ވަނީ ލަނޑެއް ޖަހައި، ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މާކޯ ރެއުސްއެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުގައި ސިޓީ ކޮޅަށް ވަން ފުރަތަމަ ލަނޑެވެ. މި މެޗު އެއްވަރުވާން ދަނިކޮށް، މެޗުން ސިޓީ މޮޅުވީ ފަހު މިނެޓުގައި ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން ކާމިޔާބުކުރި ލަނޑުންނެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ފުރަތަމަ ލެގުން ސިޓީ މޮޅުވިއިރު، ކުއާޓާގެ ދެވަނަ ލެގު ކުޅޭނީ މި މަހުގެ 14 ވަނަ ދުވަހު ޑޯޓްމުންޑުގެ ދަނޑުގައެވެ.
ކޮމެންޓު ފޮނުވާ