ރެއާލުން ސެމީގެ އުންމީދު ބޮޑުކޮށްފި

ރެއާލުން ސެމީގެ އުންމީދު ބޮޑުކޮށްފި

Author
މުޙައްމަދު ޝަޒައިމް
07 އޭޕްރިލް 2021 10:04
0

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލް އަތުން މޮޅުވެ ރެއާލް މެޑްރިޑުން ސެމީގެ އުންމީދު ބޮޑު ކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު މީގެ ކުރިން 13 ފަހަރު މުބާރާތް ކާމިޔާބު ކުރި ރެއާލަށް ސެމީގެ އުންމީދު ބޮޑުވި އިރު، އެންފީލްޑުގައި ކުޅޭ މެޗަށް ލިވަޕޫލަށް ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ.

ފުރަތަމަ ހާފުގައި ލިވަޕޫގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ރެއާލުން ވަނީ މި ހާފުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ރެއާލުން ދެ ލަނޑުގެ ލީޑެއް ނެގިއިރު، މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ބްރެޒިލުގެ ޒުވާން ތަރި ވިނީޝިއުސް ޖޫނިއާއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ މިޑްފީލްޑަރު ޓޯނީ ކްރޫސް ދިން ރީތި ޕާހަކުންނެވެ. އަދި މެޗުގެ 36 ވަނަ މިނެޓުގައި ލިވަޕޫލުގެ ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ހެދި ގޯހެއްގެ ފައިދާ ނަގައި، މާކޯ އެސެންސިއޯ ވަނީ ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ.

އެކަމަކު މި މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ފޯވާޑް މުޙައްމަދު ސަލާހެވެ. އެކަމަކު މެޗުގެ 65 ވަނަ މިނެޓުގައި ވިނީޝިއުސް ވަނީ އިތުރު ލަނޑެއް ޖަހައި، ރެއާލަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

ރެއާލްގެ ކާމިޔާބު ކޯޗު ޒައިނުއްދީން ޒިދާން މިހާތަނަށް ވަނީ 50 މެޗު ޗެމްޕިއަންސް ލީގުގައި ރެއާލަށް ކޯޗުކަން ކޮށްދީފަ އެވެ. އޭގެ ތެރެއިން 31 މެޗުން ރެއާލް މޮޅުވި އިރު، ތިން ފަހަރު މުބާރާތުގެ ތަށި އެ ޓީމަށް ވަނީ ހޯދައިދީފަ އެވެ. ކުއާޓާގެ ދެވަނަ ލެގު ކުޅޭނީ މި މަހުގެ 14 ވަނަ ދުވަހު ލިވަޕޫލުގެ ދަނޑުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.