މިހާރު ވެރިކަމުގައި ތިބި ފަރާތްތަކަށް ރައްޔިތުން ކުރި އިތުބާރު ގެއްލި ތާއީދު ގެއްލުމުން މިހާރު އަރާނެ ހުރިހާ ގޮޅިއެއް ހުސްވެ، ތެޅެމުންދަނީ މަރަށް ކަމުގައި ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރަށު ބަންދުގައި ތިބެ، ތ.އަތޮޅުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ސަރުކާރަށް ހަދާނެ ހުރިހާ ގޮތެއް ހުސްވެ، އަތުންފައިން ގޯސް ހެދޭ ހިސާބަށް ގޮސްފައިވާކަމަށެވެ. ރައްޔިތުން ވެރިކަން ހަވާލުކޮށްފައިވަނީ ވަރަށް ބޮޑު އުންމީދު ތަކެއްގައި ގިނަ ކަންތައްތަކެއް އިސްލާހު ވާނޭކަމަށް އުންމީދު ކޮށްގެންކަމަށެވެ. އަދި އެ އުންމީދުގައި ރައްޔިތުންގެ މަޖިލީހުގެ ބޮޑު އައުލަބިއްޔަތެއްވެސް ރައްޔިތުން މިސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ދިން ކަމަށެވެ.
ނަމަވެސް މިބޭފުޅުން ރައްޔިތުންނަށް ވިއްކި ހުރިހާ އެއްޗެއް މިއަދުވަނީ އަމިއްލައަށް އެކަންކަން ގޯސްހަދާ ކަންކަމަށް ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ވައްކަމާއި ދެކޮޅަށް އަޑު އުފުލައި ވައްކަން ހުއްޓުވާނެކަމަށް އަޑަށް ބާރުލާފައި ވެރިކަމަށް އައުމަށްފަހު މުށްޖަހައި ވައްކަން ކުރުން ނޫންކަމެއް މިސަރުކާރުން ނުކުރާކަމަށެވެ. ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދައި ދޭނެކަމަށް ވައުދުވެ ވެރިކަމާއި ހަވާލުވުމަށްފަހު ފެނިގެންދަނީ މިއިން އެއްވެސް ވައުދެއް ނުފުއްދި ހުސް ވާހަކަތަކެއް ތަކުރާރުކޮށް ދައްކަމުންދާ މަންޒަރުކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބަލަންވީ މިސަރުކާރުން ރައްޔިތުންނަށް އޮޅުވާލާފައިވާ އޮޅުވާލުންތަކާއި، ދައްކަމުންދިޔަ ދަޅަދަކަށް ނޫނެކޭ ބުނާފަހަރެއްކަމަށެވެ. މިއީ ރައީސް ޔާމީން ދިވެހި ރައްޔިތުންނަށްޓަކައި ވަމުންދާ މަތިވެރި ގުރުބާނީގެ އަގުވަޒަންކޮށް އެމަނިކުފާނަށްޓަކައި ދެވޭ ވޯޓަކަށް މިވޯޓު ހެއްދެވުމަކީވެސް މުހިންމު ކަމެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ