ސަސްޕެންޑްކޮށްފައިވާ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ތުހުމަތު ކުރި މަނީލޯންޑަރިންގެ މައްސަލައިގައި އޭނާގެ މައްޗަށް ހެއްކެއް ނުހޯދި، މައްސަލަ ނިންމާލައިފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިމައްސަލަ ނިންމައި ފައިލް ކޮށްފައިވަނީ ތަހުގީގުގައި މަނީ ލޯޑަރ ކުރުމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވުމުންކަމަށެވެ. މި މައްސަލަ ފައިލް ކުރި ކަމަށް ނިންމާފައިވަނީ މިިދިޔަ މަހުގެ ތެރޭގައެވެ.
ޝަޒައިލްއާއި ގުޅޭގޮތުން އޭސީއަށް ހުށަހެޅުނު ކޮރަޕްޝަންގެ މައްސަލަވެސް ވަނީ ސާބިތު ނުވާކަމަށް ނިންމާފައެވެ. ނަމަވެސް އެމައްސަލަ ބެލިއިރު، ފާހަގަކުރެވުނު ހަތަރު ކަމެއް ވަކި ނަގައި އެކަންކަން ބެލިއިރު، މަނީ ލޯންޑަރިންގެ މައްސަލައަކާއި، ކޮރަޕްޝަނަށް މަގުފަހިވާ އިތުރު ތިން މައްސަލައެއް ފާހަގަކުރެވިފައިވި އެމައްސަލަތައް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
ޝަޒައިލްގެ މައްސަލަތަކުގެ ތެރެއިން އޭސީސީން ތަހުގީގު ކުރި މައްސަލަތައް:
– ފައިސާގެ މުއާމަލާތް ހިންގުމުގައި އޮޅުވާލި މައްސަލައެއް
– މުވައްޒިފުން ނެގުމުގައި ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް އަމަލުކުރި މައްސަލައެއް
– މަރާމާތުގެ މަސައްކަތެއްގައި ހިންގި ކޮރަޕްޝަންގެ މައްސަލައެއް
މިމައްސަލަތަކުގެ ތެރެއިން އޭސީން ބެލި މައްސަލައިގެ ރިޕޯޓް މިހާރު ރައީސް އޮފީހަށާއި، މަޖިލިސް އިދާރާއަށް ފޮނުވާފައިވާކަމަށް އޭސީސީން ބުނެއެވެ.
ޝަޒައިލްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވެގެން އައީ މި ސަރުކާރުގައި އެފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް ގާއިމް ކޮށްފައިވާ “ވިސްލްބްލޯ ޕޯޓަލް” އަށް ހުށަހެޅި މައްސަލައަކާ ގުޅިގެނެވެ. އެ މައްސަލައާ ގުޅިގެން ޝަޒައިލް ސަސްޕެންޑް ކުރިއެވެ. އެއީ އޮކްޓޯބަރު 16، 2019 ގައެވެ. އެހާއިރުން ފެށިގެން ޝަޒައިލް އަދިވެސް ސަސްޕެންޝަންގައި ހުންނެވިއިރު އޭނާ އަދި މަގާމުން ވަކިކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ