ގޭގައި ބަންދު ކުރެވިފައިވާ، އުރުދުންގެ ކުރީގެ ވަލީ އަހުދު، ޕްރިންސް ހަމްޒާއާއި ގުޅުންހުރި ހުރިހާ މުޢާމަލާތެއް ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު، ޕްރިންސް ހުސެއިންއާއި، އެގައުމުގެ ރަސްގެފާނު ކިންގ އަބުދުﷲ II ހަވާލު ކުރައްވާފައިވާ ކަމަށް އުރުދުންގެ ޝާހީ ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އުރުދުންގައި އޮތް ހާޝިމީ ދަރިފަސްކޮޅުގެ ރަސްކަމަށް އެއްބާރުލުން ދެެއްވާނެ ކަމަށާއި އަދި، ރަސްގެފާނު ޕްރިންސް ހަސަންއާއި ހަވާލު ކުރައްވައިގެން ކުރިޔަށް ގެންދަވާ ހުރިހާކަމަކަށްވެސް އެއްބާރުލުން ދެއްވާނެ ކަމަށް ޕްރިންސް ހަމްޒާ ވިދާޅުވެފައިވާ ކަމަށެވެ.
ޕްރިންސް ހަސަންއަކީ ރަސްގެފާނު ތަލާލް އަދި ރާނީ ޒެއިންގެ ތިންވަނަ ދަރިފުޅެވެ. އަދި އުރުދުންގެ މިހާރުގެ ރަސްގެފާނު ކިންގ އަބުދުﷲ II އަކީ ޕްރިންސް ހަސަންއަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅުކެވެ. އަދި އޭނާއަކީ 1965 އިން ފެށިގެން 1999 އާއި ހަމައަށް އުރުދުންގެ ވަލީ އަހުދުވެސް މެއެވެ. އެހެންނަމަވެސް، ކުރީގެ ރަސްގެފާނު ކިންގެ ހުސެއިން (މިހާރުގެ ރަސްގެފާނުގެ ބައްޕާފުޅު) އަވަހާރަވުމުގެ 3 ހަފްތާކުރިން ކިންގެ ހުސެއިންވަނީ ވަލީއަހުދުކަން އޭނާގެ ކިބައިން ނަންގަވާ، މިހާރުގެ ރަސްގެފާނު ކިންގ އަބުދުﷲ II އާއި ވަލީ އަހުދުކަން ހަވާލު ކުރައްވަފައެވެ.
"އަހަރެން މިހުރީ ރަސްގެފާނު އަބުދުﷲގެ ރަސްކަމުގެ ހިޔާވަހި ކަމުގައި، އަދި އަހަރެން އުރުދުންގެ ގާނޫނު އަސާސީއަށް ފުރިހަމައަށް ބޯލަބާނެ ކަމަށް ދަންނަވަން، އަދި އަހަރެން އަބަދުވެސް ރަސްގެފާނަށާއި ވަލީ އަހުދަށް ކިޔަމަންތެރިކަން އަދާކުުރުންމަތީ ދެމި ހުންނާނެ ކަމުގައިވެސް ދަންނަވަން،" ޕްރިންސް ހަމްޒާ ސޮއި ކުރައްވާ، އުރުދުންގެ ޝާހީ ގަޑުވަރުން އާންމު ކޮށްފައިވާ ސިޓީގައި ލިޔުއްވާފައި ވެއެވެ.
"އަހަރެންގެ އުފަން ފަސްގަޑުގެ މަސްލަހަތު އެހެން ހުރިހާ މަސްލަހަތަކަށްވުރެ އިސްވާންވާނެކަމަށް އަހަރެން ދެކެން، އަދި އުރުދުންގެ ގައުމީ މަސްލަހަތު ރައްކާތެރި ކުރުމަށް ރަސްގެފާނު ކުރައްވަމުން ގެންދަވާ އެންމެހާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީ އަހަރެމެން ކޮންމެ މީހެއްގެވެސް ޒިންމާއެއް،" މި ސިޓީގައި ޕްރިންސް ހަމްޒާ ވިދާލުވެފައި ވެއެވެ.
އުރުދުންގެ ބޮޑުވަޒީރުގެ ނާއިބު އައިމަން ސަފާދީ އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ، ޕްރިންސް ހަމްޒާ މަސައްކަތް ކުރައްވާފައިވަނީ، އުރުދުންގެ ސަލާމަތަށް ނުރައްކާވެދަނެ ފަދަ ގޮތަކަށް، އެގައުމުގެ ގަބީލާތަކުގެ އިސްބައެއް ވެރިން، ހަރަކާތްތެރި ކުރުވުމަށެވެ.
އުރުދުން ސަރުކާރުގެ ނޫސް އޭޖެންސީ ޕެޓްރާއިން ހޮނިހިރު ދުވަހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ގައުމުގެ ހަމަޖެހުމާ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލްތަކެއް ހިންގާފައި ވާތީ، ޝާހީ އާއިލާގެ މެމްބަރެއް ކަމުގައިވާ ކުރީގެ ވަޒީރަކާއި، އަދި އިތުރު އެހެން ބައެއް ފަރާތްތައް ހިމެނޭ ގޮތަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ޚާއްސަ ތަހުގީގެއް ލޯންޗު ކޮށްފައެވެ.
ސައުދީ ޕްރެސް އޭޖެންސީން ހާމަ ކޮށްފައިވާ ގޮތުގައި، ރަސްގެފާނު ސަލްމާންއާއި އަދި އެގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންވެސް ވަނީ އުރުދުންގެ ރަސްގެފާނު އަބުދުﷲ II އާއި ގުޅުއްވާ މަޝްވަރާ ކުރައްވާފައެވެ. އަދި މި މަޝްވަރާތަކުގައި، އުރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކިންގ އަބުދުﷲ II އަލުއްވަމުން ގެންދަވާ ހުރިހާ ފިޔަވަޅުތަކަށް ސައުދީ އަރަބިއާގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ވިދާޅުވެފައިވާ ކަމަށްވެސް ސައުދީ ނުސް އޭޖެންސީން ރިޕޯޓު ކޮށްފައި ވެއެވެ.