ރައީސުލްޖުމްހޫރިއްޔާ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެއްސެވުން، ފޮޓޯ: ރައީސް އޮފީސް

ކޯވިޑް ވެކްސިން: ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 5،753 އަށް

ކޯވިޑް ވެކްސިން: ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 5،753 އަށް

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ރާއްޖޭގައި ޖެހި މީހުންގެ އަދަދު 5،753 އަށް އަރައިފި އެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 5 ހާހުން މައްޗަށް ގޮސްފައިވަނީ މިއަދު ދެވަނަ ޑޯޒް ޖެހި 2016 މީހުނާއެކުއެވެ. މިއަދު މާލެ ސަރަހައްދުން 1،903 މީހުނަށް އަދި އަތޮޅުތެރެއިން 113 މީހުނަށް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ވަނީ ޖަހާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރާއީސް މުޙައްމަދު ނަޝީދު ވެސް މިއަދު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވާފަ ައެވެ.

މިއަދު ރާއްޖޭގައި ވަނީ 4،243 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒްވެސް ޖަހާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 383 މީހުންނާއި އަތޮޅުތަކުން ވެކްސިންޖެހި 3،860 މީހުންނެވެ. އެހެންކަމުން ރާއްޖޭގައި މިހާތަނަށް 251،139 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފަ އެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 9 ސެންޓަރެއްގައި ވެކްސިން ޖަހައިދިނުން ކުރިއަށްގެންދެ އެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 2 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ވެކްސިންގެ ދެވަނަޑޯޒް ދިނުން ކުރިއަށްގެންދަނީ ސޯޝަލް ސެންޓަރުގެ އިތުރުން، ނޭޝަނަލް އާޓްގެލެރީ، ހުޅުމާލޭ ވެކްސިން ސެންޓަރ، އަދި ސެނެހިޔާގައި ހެނދުނު 10:00 އިން މެންދުރުފަހު 3:00 އާ ހަމައަށެވެ. އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެންދުރު 2:00 އާ ހަމައަށެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރު ޖަހައިދެނީ ރައްޔިތުންގެ މަޖިލީހުގައި ގާއިމްކޮށްފައިވާ ވެކްސިން ސެންޓަރާއި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *