ސަސް އިން މާޒިިޔާ ހިފަހައްޓައިފި

ސަސް އިން މާޒިިޔާ ހިފަހައްޓައިފި

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2021 09:26
0

ދިރާގު ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އިން ލީގުގެ އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ލަނޑެއް ޖެހިޔަނުދީ ހުއްޓުވައިފިއެވެ.

މެޗު ފަށައިގެން މާޒިޔާ އިން މެދުތެރޭގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކަމުންދިޔައިރު, ސަސްގެ އިން ދިޔައީ މާޒިޔާ އެޓޭކްކުރަން ޖާގަ ނުދީ ރަނގަޅަށް ޑިފެންސްކުރަމުންނެވެ. މާޒިޔާގެ ފުރަތަމަ ހަމަލާ އުފެއްދީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މެޗުގެ 17 ވަނަ މިނިޓްގައި އޭރިއާބޭރުން ހަމްޕު ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މާޒިޔާ އަށް ލީޑުނަގައިދޭން މެޗުގެ 26 ވަަނަ މިނިޓްގައި އެ ޓީމުގެ ޖަޕާންގެ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ (ޓަކާ) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާތެރެއިން ޓަކާ ފޮނުވާލި ބާރު ބޯޅަ ސަސްގެ ކެޕްޓަން އަބްދުالله ހަނީފް (ބެންޖޯ) ވަނީ ބްލޮކްކޮށްފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ސަސް އިން ވަނީ ލީޑުނެގުމާ ގާތަށް ޖެހިލައިފައެވެ.

ދެ ވަނަ ހާފްގައި މާޒިޔާގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ސަސް ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ ވަގުތުގެ ތެރޭގައި ލިބުނު ހިލޭ ޖެހުމެއްގައި މާޒިޔާގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ބޯޅަ ސަސްގެ އުޒްބެކިސްތާން ގޯލްކީޕަރު މިރުޒޮހިދު ވަނީ މަތަކޮށްފައެވެ.

މި ޕޮއިންޓާ އެކު ސަސް ވަނީ ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ހަތް ވަނައިގައި އޮތް އީގަލްސް އަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެންނެވެ. އީގަލްސް އަށް 10 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު, ހަ ވަނައިގައި ސަސް އޮތީ 11 މެޗުން 12 ޕޮއިންޓް ހަަމަކޮށް ލަނޑުގެ ތަފާތުންނެވެ. މި ނަތީޖާއާ އެކު މާޒިޔާ ލީގުގެ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މާޒިޔާ އަށް 11 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު, ދެ ވަނައިގައިވާ ވެލެންސިއާ އަށް 10 މެޗުން ވަނީ 18 ޕޮއިންޓް ލިބިފައެވެ.

ވެލެންސިއާ މި ހަފްތާގައި ކުޅެން އޮތީ އީގަލްސްއާ އެވެ. އެކަމަކު އީގަލްސް އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅޭ މެޗު އޮތުމުން ވެލެންސިއާއާ ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.