ޤައުމުތަކާ އެކު ޚާރިޖީ ގުޅުން ގާއިމުކޮށް ހަރުދަނާކުރަމުން ދަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކޮށް، އެގުޅުންތަކުން ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެ މިންވަރު ކަށަވަރު ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވާ ވާހަކުފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޚާރިޖީ ގުޅުމެއް ޤައުމަކާއި އެކު ހަރުދަނާ ކުރަނީ ދެކަމެއް ކަށަވަރުކުރަމުން ކަމަށެވެ. އެއީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުމާއި އެފަދަ ގުޅުންތަކުގެ ސަބަބުން ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިޝާރާތްކުރައްވާފައި މިވަނީ އިންޑިއާ އާއެކު ސަރުކާރުން ބަދަހިކުރަމުންދާ ގުޅުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ދާޚިލީ މިނިވަންކަމާއި ޤައުމުގެ އިސްތިޤްލާލަށް އޭގެ އަސަރުކޮށް އިންޑިއާއިން ރާއްޖެއަށް އަތް ގަދަކޮށްފާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުންގެންދާ ދަނޑިވަޅެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 21 ވަނަ ގަރުނުގެ ފިކުރިއްޔާތަކީ އަދި ސިޔާސީ، އިޤްތިޞާދީ ވިސްނުމަކީ މިނިވަން މުސްތަޤިއްލު ޤައުމުތަކެއްގެ، ގުޅި ލާމެހިފައިވާ ބަދަހި އެއް މުޖުތަމަޢު ކަމަށެވެ. އެގޮތުން ރާއްޖެއަކީ ވެސް އެ މުޖްތަމަޢުގައި ހިމެނޭ އެއް ޢާއިލާ ނުވަތަ އެއް ގޭބިސީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދުގެ ސަރުކާރުގެ ވެރިކަން ފެށުނުއިރު ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަހެރިވެފައި ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ލިބެންހުރި އެތައް މަންފާއަކާއި އެހީއެއް ހޯދުމަށް އޭރު ދަތިތަކާއި ކުރިމަތިވި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ނަމަވެސް މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތައް މިހާރު އަންނަނީ ބަދަހިވަމުން، އަދި އެކަމުގެ ފައިދާވެސް ދިވެހި ރައްޔިތުންނަށް ލިބެމުން. ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖެ ވަށައިލިއިރު، އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތައް އިޢާދަކުރެވި ބަދަހިވެފައި ވާކަމީ، މާތް ﷲގެ މަދަދާއެކު ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ހެޔޮ ނަސީބެއް"
– ރައީސުލްޖުމްހޫރިއްޔާ
ދިވެހި ޤައުމިއްޔަތުގެ ހައިބަތު ދައްކައިދޭ އިސްލާމްދީނާއި ދިވެހި ބަހާއި ސަގާފަތަކީ ޖީލުތަކަށް ވާރުތަވަމުން އަންނަ އަމާނާތެއް ކަމާށާއި މިކަންކަން ނަގަހައްޓައި ދެމެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި އަމާނާތް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް، ޅަދަރިންނާއި ޒުވާނުންގެ ހިތުގައި ޤައުމިއްޔަތަށް، ހާއްސަ ލޮތްބަކާއި ގަދަރެއް އުފެއްދުމުގެ މުހިންމުކަމަށް ރައިސް ޞާލިޙް ވަނީ އަލިއަޅުއްވާ ލައްވަވާފައެވެ.
"ޤައުމިއްޔަތަކީ ޤުރުބާނީތަކުގެ ބިމުގައި، ޤައުމީ ބަޠަލުންގެ ޖިހާދީ ލެޔާއި، ރައްޔިތުންގެ ހިތްވަރާއި ފަންވަރުން ދިރުން ލިބި ގެން ހެދި ފޯދޭ ވަސްމީރު މާގަހެއް. ޤައުމިއްޔަތުގެ ވަސްމީރު މާމެލާމެލިން މާދަމާގެ ޖީލުތަކަށް މިނިވަންކަމުގެ ހުވަނދު ލެވޭނީ އަދުގެ ދިރިތިބީން އެގަހަށް ހޭހަންކޮށް، އަޅުގަނޑުމެން އެންމެންގެ ހިތަތަކުގައި ޤައުމިއްޔަތުގެ ރޫޙު ފުރިހަމައަށް ހަރުލައްވައިގެން"
– ރައީސުލްޖުމްހޫރިއްޔާ
ޤައުމީ ދުވަހަށް ދިވެހިންގެ މެދުގައި ދެވިފައިވާ އިސްކަމާއި އެދުވަސް ނިސްބަތްވާ އުތީމު ތިންބެއިންގެ ޖިހާދުގެ މައްޗަށް ރައީސުލްޖުމްޖޫރިއްޔާ މިއަދު ވަނީ އަލިއަޅުއްވާލައްވާފަ އެވެ.
ރާއްޖޭގައި ޤައުމީ ދުވަހުގެ ގޮތުގައި ފުރަތަމަ ދުވަހެއް ފާހަގަކުރީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ މީލާދީން 4 ފެބްރުއަރީ 1946 އެވެ. މިދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރުމަށް އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާ އައު ކުރުމަށެވެ. އެ ރަދުންގެ ޖިހާދަށް ނަޞްރު ލިބުނީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވިލޭރެއެވެ. ޤައުމީ ދުވަހަކީ ރާއްޖޭގެ ޤާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްގެން ފާހަގަ ކުރާ ހަމައެކަނި ދުވަހެވެ.
ކޮމެންޓު ފޮނުވާ