މިމަހުގެ 10 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭގެ ރައްޔިތުންގެ އެތަކެއް އުންމީދުތަކާއި ގުޅިފައިވާ މޭޔަރަކު އިންތިޚާބު ކުރެވިގެންދާނެއެވެ. އެދުވަހުގެ ވޯޓަކީ މާލޭގެ ރައްޔިތުން މިއަދު އުންމީދު ކޮށްގެންތިބި އެތައްކަމެއް ހާސިލްކުރުމަށް އިތުބާރާއިއެކު ނިންމުން ނިންމާދުވަހެއެވެ. ބޯހިޔާވަހިކަމާއި، ތޮއްޖެހުމާއި، ތަނަވަސްކަމާއި، އިޖުތިމާއީ ހަމަޖެހުމާއި، އަމަންއަމާންކަމާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ގޮތް ނިންމާ ދުވަހެއެވެ.
މާލޭގެ މޭޔަރު ކަނޑައެޅުމުގެ ވޯޓަކީ މިފަހަރުގެ އިންތިޚާބުގައި އެންމެ ގިނަބައެއްގެ ނަޒަރު ހުއްޓިފައިވާ ވޯޓެވެ. މާލޭގެ މޭޔަރުކަމުގެ ވޯޓު ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓުން އަނަސް އަބްދުއް ސައްތާރާއި ވާދަކުރަން އިދިކޮޅުން ނެރުނު ކެނޑިޑޭޓަކީ މުޅި ސަރުކާރު ނޭވާހޮޅިއަށް އަޅުވާލި ކެނޑިޑޭޓަކަށް ވަނީ ވެފައެވެ. މާލެއަށް ފަހުގެ ތާރީހެއްގައި އައިސްފައިވާ ހުރިހާ ތަރައްޤީއެއްގެ އެއް މޭސްތިރިއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒުއަކީ ނަތީޖާ ނެރެދީފައިވާ، ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކެންޑިޑޭޓަކަށް ވަނީ ވެފައެވެ.
މިޒާޖުގައިވެސް ބަސްމަދު، މުއިއްޒު ގިނަބަޔަކު ސިފަކުރަނީ ކުރަން ދިމާކުރި ކޮންމެ ކަމެއް ނިންމަން ބޭނުންވާ ދުވަހަށް ރެއާއި ދުވާލު މަސައްކަތް ކޮށްގެންވެސް ފުރިހަމަކަމާއި އިތުބާރާއިއެކު ކޮށްދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. މަލޭގެ ތަރައްޤީގެ މަލަމަތި ފާއިތުވެދިޔަ 7 އަހަރުގެ ތެރޭގައި ބަދަލު ކޮށްލި މޭސްތިރިޔަކީ ޑރ.މުއިއްޒުއެވެ. ރައީސް އަބްދުﷲ ޔާމީންގެ ތަސައްވަރާއިއެކު، އެތަސައްވަރުގައި ހަގީގީ ކުލަ ޖެއްސެވި މާލޭގެ ތަރައްޤީގެ ބާނީއަކީ ޑރ.މުއިއްޒުއެވެ.
މާލޭގެ ކޮންމެ ދިމާލަކުން ފެންނަން ހުރި ތަރައްޤީގެ ހަގީގީ ކުލަވަރާއި، ތަރައްޤީއަކީ އެކަމުގައި މުއިއްޒުގެ ފުރިހަމަ ބެއްލެވުމުގެ ދަށުން ކޮށްދެއްވާފައިވާ ކަންތައްތަކެވެ. މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލުތަކެއް ގާއިމްކޮށް ދެއްވުމަށް މާލޭގައި ގާއިމްކޮށްދެއްވި ޕާކުތަކާއި މައިޒާންތަކަކީ އެންމެ ޒަމަނީ ފެންވަރަށް ތަރައްޤީކޮށް، އެތަންތަނުން އެތައްބަޔަކަށް ހިންހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ގޮތަށް ތަރައްޤީ ކުރެވިފައިވާ ތަންތަނެވެ. ނަމަވެސް މިއަދު އެތަންތަނުގެ ހާލަތުވެސް އޮތީ އަޅާނުލެވި ވީރާނާވުމާއި ކައިރީގައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ ރާއްޖޭގެ ތަރައްޤީއަށް އެންމެ ގިނަ މަސައްކަތް ކުރެވިގެންދިޔަ ދައުރުކަމާއިމެދު ސުވާލު އުފައްދާނެ އެއްވެސް ދިވެހި ރައްޔިތެއް ނެތެވެ. މާލޭގައި ތަރައްޤީ ކުރެވުނު މުހިންމު ބިނާތަކުގެ ތެރެއިން ޞިއްޚީ ގޮތުން ރައްޔިތުން ބޮޑު އިންގިލާބީ ބަދަލެއް ގެނުވި ދަރުމަވަންތަ ހޮސްޕިޓަލު ތަރައްޤީ ކުރުމުގެ އިސްމޭސްތިރިއަކީވެސް ޑރ.މުއިއްޒުއެވެ.
މާލެ ސަރަހައްދުގައި އޭރުވެސް އަދި މިހާރުވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށްވާއިރު، މިހާތަނަށް އެއްވެސް ސަރުކާރަކުން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ނުކުރާވަރުގެ ބިޔަ މަސައްކަތްތަކެއް ކުރެއްވީވެސް ރައީސް ޔާމީންގެ ވެރިކަމުގައި ޑރ.މުއިއްޒުގެ ބެލުމުގެ ދަށުންނެވެ. ހުޅުމާލޭގައި ގާއިމްކުރި 7،000 ހައުސިން ޔުނިޓަކީ މާލޭގެ ރައްޔިތުންނަށާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޚާއްސަކޮށް ހިންގުނު މަޝްރޫޢެކެވެ. ނަމަވެސް މިމަޝްރޫޢު ކިތަންމެ ކާމިޔާބުކަމާއިއެކު ނިންމާ ތަޅުދަނޑި ބަހާލަން މިހާރު އޮތް ސަރުކާރާއި ހަވާލު ކުރުމުންވެސް ތަޅުދަނޑިތައް ވަނީ ގެއްލުވާލާފައެވެ.
ފަސޭހަ އަދި އަތްފޯރާފަށުގައި ބޯހިޔާވަހިކަން ހުޅުމާލެއިން ލިބޭނެ ގޮތް ތަނަވަސް ކުރަމުން މާލެއާއި ހުޅުމާލެއާއި ދެމެދު ބްރިޖަކުން ގުޅާލީވެސް ހަމަ ރައީސް ޔާމީންގެ ވެރިކަމުގައި ޑރ.މުއިއްޒުގެ ބެލުމުގެ ދަށުންންވެ. ވެހޭވާ ވާރެއެއްގައާއި، ދޭހާ އަތްވެތްގައި، ދާންޖެހުނު ކޮންމެ ވަގުތެއްގައި ސީދާ ސައިޓުގައި ހުންނަވައި "ބްރިޖް"ގެ ހުވަފެން ރައްޔިތުންންނަށް ދެއްކި އެންމެންގެ ކުރިމައްޗަށް ހަގީގީ ބުރިޖު ގެނެސްދެއްވި މޭސްތިރިއަކީވެސް ޑރ،މުއިއްޒުއެވެ.
މާލެ ސަރަހައްދުގައި ރައީސް ޔާމީންގެ ވެރިކަމުގައި ގެނައި ކޮންމެ ތަރައްޤީއެއްވެސް އަދި ގެނައި ކޮންމެ ބަދަލެއްގެވެސް ނަތީޖާ ނެރުއްވި ބޭފުޅަކަމީ މިއަދު މާލޭގެ ރައްޔިތުންނަށް އިތުރު ސުވާލެއްނެތި ކާކުތޯ؟ ކޮންކަމެއް ކުރި ބޭފުޅެއްތޯ؟ ހޮވިއްޖިއްޔާ ކީއްކޮށްދޭނެ ބޭފުޅެއްތޯ؟ އެހުކަމާއި ނުލައި ގޮތް ނިންމެން އޮތް ކެންޑިޑޭޓެކެވެ. ޔަގީންކަމާއި އިތުބާރާއިއެކު، މާލޭގެ ތަރައްޤީ އަނެއްކާވެސް އިތުރު ހަރުފަތަކަށް ގެންދަން ބޭނުންނަމަ ނިންމަންވީ ގޮތް އިތީ ފެންނަންށެވެ.