ކޯވިޑަށް ޕޮޒިޓިވް އަދި ކަރަންޓިންގައި ތިބޭ މީހުން ވޯޓުލާނީ އެންމެ ފަހުން، އެހީތެރިއެއްގެ އެހީގައި

ކޯވިޑަށް ޕޮޒިޓިވް އަދި ކަރަންޓިންގައި ތިބޭ މީހުން ވޯޓުލާނީ އެންމެ ފަހުން، އެހީތެރިއެއްގެ އެހީގައި

Author
މުޙައްމަދު ޖިމީ
02 އޭޕްރިލް 2021 11:03
0

ކުރިއަށް އޮތް އިންތިޚާބުގައި ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ކަރަންޓިންގައި ތިބޭ މީހުން ވޯޓްލާނީ، ވޯޓް ފޮށި ބަންދުކުރުމުގެ އެއް ގަޑިއިރު ކުރިން އެންމެ ފަހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިފަހަރުގެ އިންތިޚާބަކީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮަތަށް ގިނަ ފިިޔަވަޅުތަކާއެކު ކުރިއަށް ގެންދާ އިންތިޚާބަކަށްވުމުން، ކުރީ އިންތިޚާބުތަކަށްވުރެ އަވަހަށް ވޯޓް ލާން ފަށާނެކަމަށެވެ. އެގޮތުން މިފަހަރުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ހެނދުނު 7 އިން ހަވީރު 5 ޖެހުމާއި ހަމައަށެވެ.

އީސީން ބުނީ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް ވޯޓްލުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. އެގޮތުން ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ކަރަންޓީންގައި ތިބޭ މީހުންނަށްވެސް ވޯޓުލުމުގެ ފުރުޞަތު އޮންނާނެކަން ފާހަގަކޮށް އީސީން ބުނީ، އެމީހުން ވޯޓްލާނީ ވޯޓްލާ ގަޑި ނިމުމުގެ އެއްގަޑިއިރު ކުރިންކަމަށެވެ. އެއީ އޭގެ ކުރިން ވޯޓްލާން އައިސްތިބި މީހުން ނިމުމުންކަމަށާއި، އެމީހުން ވޯޓުލާއިރު، އީސީގެ އޮފިޝަލުން ތިބޭނީ ޕީޕީއީ އަޅައިގެންކަމަށްވެސް އީސީން ބުންޏެވެ.

ކަރަންޓީންގައި ތިބޭ މީހުންނާއި ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓްލާނީ އެހީތެރިއެއްގެ އެހީގައެވެ. އެއީ އީސީގެ ވޯޓު ގުނާ އޮފިޝަލުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅެކެވެ. އީސީން ވަނީ ވޯޓުލާން ދާއިރު އަމިއްލަ ގަލަމެއް ގެންދިއުމަށްވެސް އިލްތިމާސްކޮށްފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.