ވޯލްޑްކަޕް ކޮލިފައިންގައި ސްކޮޓްލޭންޑް އިން މުހިންމު މޮޅެއް ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސްކޮޓްލޭންޑް ކުރިހޯދީ ފެރޯ އައިލެންޑްއާ ވާދަކޮށް 4-0 ލަނޑުންނެވެ. މެޗުގައި ސްކޮޓްލޭންޑް ގެ ޖޯން މެކްގިން ދެލަނޑު ކާމިޔާބުކުރި އިރު ފަހު ދެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޗޭ އެޑަމްސް އާއި ރަޔާން ފްރޭސާއެވެ. ރޭގައި މި ގުރޫޕްގައި ޑެންމާކް ވަނީ އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށްފައެވެ.
ވިއެނާގައި ކުޅުނު މެޗުން އޮސްޓްރިޔާގެ މައްޗަށް ޑެންމާކްއިން ކުރި ހޯދީ 4-0 ލަނޑުންނެވެ. ސްކޮޓެލެންޑް ކޮލިފައިންގައި އެންމެފަހުން ކުޅުނު ތިންމެޗުން ވެސް ބަލިވެފަ ނުވާއިރު އެޓީމު އޮތީ 5 ޕޮއިންޓާއެކު ކޮލިފައިން ގުރޫޕްގެ ދެވަނާގައިއެވެ. ރޭގައި މޮޅުވި ޑެންމާކް ގުރޫޕްގެ އެއްވަނައިގަ 9 ޕޮއިންޓާއެކު އޮތް އިރު ގުރޫޕްގެ ތިންވަނައިގަ އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން އިސްރާއީލްއެވެ. އޮސްޓިރިޔާވެސް މިއަދަދަށް ޕޮއިންޓް ހޯދާފަވާއިރު އެޓީމު އޮތީ ގުރޫޕުގެ ހަތަރުވަނައިގައެވެ.
ފެރޯ އައިލެންޑް އާއި މޯލްޑާއަށް ލިބުނީ މިހާތަނަށް ކުޅުނު މެޗުތަކުން އެންމެ ޕޮއިންޓެކެވެ.
ކޮމެންޓު ފޮނުވާ