ވޯލްޑްކަޕް ކޮލިފައިންގައި މެސެޑޯނިޔާ އަތުން ޖަރުމަނު ލަދުވެތި ގޮތަކަށް ބަލިވެއްޖެއެވެ.
ގްރޫޕް ޖޭގައި ހިމެނޭ ޖަރުމަން ބަލިވީ މެސެޑޯނިއާ އަތުން 2-1 ލަނޑުންނެވެ. ޖަރުމަނުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެސެޑޯނިއާއިންނެވެ. އެގޮތުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޤައުމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ގޯރަން ޕާންޑޭވެވެ. އެކަމަކު މެޗުގެ 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިލްކާއި ގުންޑޮގާން ވަނީ ޖަރުމަނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި މެސެޑޯނިއާއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، އެލްޖިފް އެލްމަސް ކާމިޔާބުކުރި ލަނޑުންނެވެ. މި މެޗުން ޖަރުމަން ބަލިވިއިރު، އެ ޤައުމު އޮތީ ގްރޫޕް ޖޭގެ ތިންވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް ނޯތު މެސެޑޯނިއާއަށްވެސް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވި އާމީނިއާއެވެ. އެގޮތުން އާމީނިއާއަށް ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ.
މިއީ 2001 ވަނަ އަހަރަށްފަހު ވޯލްޑް ކަޕުގެ ކޮލިފައިން މެޗަކުން ޖަރުމަން ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗުގެ ކުރިން ޖަރުމަނުން ވަނީ ކޮލިފައިންގައި ބަލިނުވެ 35 މެޗު ހަމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ