ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި އިންގްލޭންޑް ކުޅުނު މެޗުން ފަހުވގުތުގައި އެޓީމު މޮޅުވެއްޖެއެވެ.
އިންގްލެންޑް މޮޅުވީ ޕޮލެންޑް އަތުން ފަހު ވަގުތު 2-1 ލަނޑުންނެވެ. އަމިއްލަ ޤައުމުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އިންގްލެންޑުންނެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިންގްލެންޑަށް ލީޑު ނަގައިދިނީ ކެޕްޓަން ހެރީ ކޭނެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި ޔާކުން މޮޑާ ވަނީ ޕޮލެންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުން އިންގްލެންޑް މޮޅުކޮށްދިން ލަނޑު، މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ހެރީ މެގުއާއެވެ. މި ފަހަރުގެ ކޮލިފައިންގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް އެ ޤައުމު ވަނީ މޮޅުވެފައެވެ. އެއާއެކު އިންގްލެންޑް އޮތީ ގްރޫޕް އައިގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކުއެވެ.
މި ގްރޫޕުގެ ދެވަނައިގައި އޮތް ހަންގޭރީއަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އަލްބޭނިއާއަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.
ކޮމެންޓު ފޮނުވާ