ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް

ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް

Author
ޢަލީ އާދަމް
31 މާރޗް 2021 02:03
0

ޒިކުރާ މިސްކިިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އަޅައިދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާ ހަވީރު 4:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ކަމަށާއި ރަޖިސްޓްރީ ވެވުނުކަން ކަށަވަރުކުރުމަކީ އަމިއްލަ ޒިންމާއެއް ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފައެވެ.

އަންދާސީހިސާބު ހުށަހެޅުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ ހަވަނަ ދުވަހުގެ މެންދުރުފަހު 1:30ގައި މިނިސްޓްރީގެ މީޓިން ރޫމްގަ އެވެ.

ވަގުތީ މިސްކިތެއް އަޅައިދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރިން އިއުލާނުކޮށްފައި މި ވަނީ އެ ބިމުގައި ވަގުތީ މިސްކިތެއް އަޅައިދިނުމަށް އެދި އާންމުންގެ 1،100 އަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު އިސްލާމިކް މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.

ޒިކުރާ މިސްކިިތް ހުރި ބިމުގައި އޮފީސް އިމާރާތަކާ އެކު 10 ބުރީގެ މިސްކިތެއް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޖޭ ކޮންސްޓްރަކްޝަނާ ވަނީ ހަވާލުކޮށްފައެވެ. އެހެންނަމަވެސް އެ މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެ އެގްރިމެންޓް ފަހުން ވަނީ ބާތިލްކޮށްފައެވެ.

މި މައްސަލާގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދާއި އިސްލާމިކް މިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަންގެ ވެރިއަކަށް އޭރު ހުންނެވި އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވަނީ ދައުވާ ވެސް އުފުލާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.