މިސަރުކާރުގެ އެންމެ ކާމިޔާބު އެއް ޕްރޮގްރާމްކަމަށްވާ ނާސްތާ ޕްރޮގްރާމް މެދުކަނޑާލިއިރު 139 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތަޢުލީމް ހާސިލްކުރަމުންދާ ކޮންމެ ކުއްޖަކަށް ނާސްތާ ދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިގެ ރިޔާސީ ވަޢުދެކެވެ. ނދުނުގެ ނާސްތާ ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުން ބައިވެރިކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ދެވަނަ ސެމިސްޓަރގެ ތެރޭގައެވެ. އޭގެ ކުރިން ފެށި ޕައިލެޓް ޕްރޮގްރާމް ފުރަތަމަ ޓާމުގައި ފަށާފައިވަނީ ދައުލަތުގެ ބަޖެޓުން 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެންނެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުގެ 25 ސްކޫލެއްގައެވެ. އެއީ މާލޭގެ 3 ސްކޫލަކާއި ވިލިމާލޭގެ 1 ސްކޫލާއި ހުޅުމާލޭގެ ސްކޫލެއްގެ އިތުރުން ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ސްކޫލުގައެވެ.
އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިންގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ އަހަރު ނާސްތާ ޕްރޮގްރާމް މެދު ކަނޑާލިއިރު 139 މިލިއަން ރުފިޔާ ނާސްތާއަށް ހޭދަކޮށްފައިވާކަމަށާއި، މިއީ މި ތަފާސް ހިސާބު ޢާންމު ކުރެއްވި ފުރަތަމަ ފަހަރުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ކޯވިޑް-19އާއި ގުޅިގެން ނާސްތާ ޕްރޮގްރާމް މެދުކަނޑާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ހެނދުނުގެ ނާސްތާ ޕްރޮގްރާމް ހިންގުމަށްޓަކައި މި އަހަރުގެ ނިޔަލަށް 148.1 މިލިއަން ރުފިޔާ ޚަރަދު ވާނެކަމަށް ލަފާ ކުރިނަމަވެސް ފުރަބަންދުގެ ހާލަތާ ގުޅިގެން ސްކޫލަށް ދަރިވަރުން ނުދިއުމާއެކު މިހާރު މިއަހަރުގެ ނިޔަލަށް ހިނގާނެ ޚަރަދުކަމަށް ލަފާކޮށްފައިވަނީ 116.1 މިލިޔަން ކަމަށް އަންނަ އަހަރަށް ހުށައެޅި ބަޖެޓުގައިވެއެވެ.
މި ޕްރޮގްރާމް މިހާރު ހިނގަމުން އަންނަ ގޮތަށް ބަލައި، މި ޕްރޮގްރާމުގެ ޚަރަދުތައް މުރާޖައާކުރުމާއި ޓާގެޓްކޮށްގެން ދިނުމުގެ މަސައްކަތްތައް ކުރަމުންދާކަން ސަރުކާރުން ހާމަކޮށްފައިވެއެވެ. އެގޮތުން ނާސްތާ ޕްރޮގްރާމް ބަދަލުތަކަކާއެކު އިތުރަށް ހަރުދަނާކޮށް، އެފިޝަންޓްކޮށް 2021 ވަނަ އަހަރުވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ބަޖެޓްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ