ކޯވިޑް-19އާއި ގުޅިގެން ރަށު ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެންޖެހުމުގެ ސަބަބުން މާލޭގެ ތޮއްޖެހުމާމެދު ފިޔަވަޅު އެޅުން މާބޮޑަށް ލަސްވެފައިވާކަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާހުތަކާއެކު، އެ ނިޒާމް ހިންގުމަށް ހުރި ދަތިތައް އޮޅުންފިލުވުމަށް ވާރޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޯވިޑްގެ ސަބަބުން ހުރިހާ އެންމެން ރަށު ބަންދުގައި ތިބޭތާ، މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާކަމަށެވެ. ކޯވިޑްގެ ސަބަބުން މުޅި ދުނިޔެވެސް ހުއްޓުމަކަށް އައިސްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ހޭދަކުރި ދަތި ދުވަސްތަކުން ލިބުނު އެންމެ ބޮޑު ޢިބްރަތަކީ، މާލޭގެ ތޮއްޖެހުމާމެދު ފިޔަވަޅު އެޅުން މާބޮޑަށް ލަސްވެފައިވާކަމެވެ. ރައީސް ވިދާޅުވީ މާލެއަށް ޖަމާކޮށްފައިވާ ބާރުތަކާއި ޚިދުމަތްތައް، މުޅި ރާއްޖެއަށް ބަހާލަންޖެހޭކަމަށެވެ.
ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމާއެކު، އަޅުގަނޑުމެން ސަމާލުކަންދިނީ، ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް. ކޯވިޑްގެ ދަތިކަމުގައި މި ހޭދަވި އަހަރަކަށްވުރެ ގިނަ ދުވަހު، އަޅުގަނޑުމެން މި މަސައްކަތްކުރީ، ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި، ވަސީލަތްތައް ހޯދައި އެތަންތަން ތަރައްޤީކުރަން.
ރައީސް ވިދާޅުވީ،މިއީ ކޯވިޑްގެ ތެރޭގައި ކުރެވުނު އެންމެ މުހިއްމު އެއް މަސައްކަތްކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާކަަމަށެވެ. ކޯވިޑްގެ ސަބަބުން އެތައް މަހެއް ވަންދެން މާލެ ބަންދުވެފައި އޮތަސް، އަތޮޅު ހޮސްޕިޓަލްތަކާއި، ރީޖަނަލް ހޮސްޕިޓަލްތަކުން، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ. އެއީ، ޞިއްޙީ ޚިދުމަތް ލާމަރުކަޒު ކުރުމަށް، 2019 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަންކަން ފުރިހަމައަށް ކުރެވޭނީ، ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ ވިސްނުން، ލާމަރުކަޒީ ޤާނޫނުގެ ރޫޙާ އެއްގޮތްވެގެން. އަޅުގަނޑުމެން މި ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނީ، ސަރުކާރުގެ ކޮންމެ މުވައްޒަފެއްގެ ވިސްނުމާއި މަސައްކަތް، މި މަގަށް ބަދަލުކޮށްގެން. އަޅުގަނޑު މިއަދު އެދެނީ މިފަދަ މުނާސަބު ވަގުތެއްގައި، މި ވިސްނުމާއެކު ތިޔަ ހުރިހާ ބޭފުޅުން މަސައްކަތް ފެށްޓެވުން. އަދި ލާމަރުކަޒީ ނިޒާމަށް ރާއްޖެ ބަދަލުކުރުމަށް، ކުރެވެންހުރި ކަންކަމާމެދު މަޝްވަރާ ކުރެއްވުމަށް. މިކަން ކުރެވޭނެގޮތަށް ވިސްނުން ބެހެއްޓެވުމަށް. މިއީ އެކި ކަންކަމާ ގުޅޭ ސިޔާސަތުތައް އެއްގޮތްކުރުމަށްވެސް ލިބޭ ރަނގަޅު ފުރުޞަތެއް. މީގެ އިތުރުން، ޓެކްނިކަލް ލެވެލްގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން، މިފަދަ ކޮންފަރެންސްތަކުގައި މަޝްވަރާ ކުރެވި، މިކަންކަން ރަނގަޅުކުރާނެ ގޮތްތައް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ.
– ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙ
މާލެއަށް ޖަމާވެފައިވާ ބާރުތައް އަތޮޅުތަކަށް ބަހާލާ، މާލެއެކޭ އެއްގޮތަށް އަތޮޅުތެރެ ތަރައްޤީކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.
ކޮމެންޓު ފޮނުވާ